ސްރީލަންކާގެ ބައެއް ރިޔާސީ ގަނޑުވަރުތައް ކޯޓުތަކަކަށް ބަދަލުކޮށްފައިވާ ކަމަށާއި، އަދި އިތުރު ގަނޑުވަރުތައް އިޤްތިޞާދީ ގޮތުން ފައިދާހުރި ކަންކަމަށް ބޭނުންކުރަން ނިންމާފައިވާ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ ސްރީލަންކާގެ ޕާލިމެންޓުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޕާލިމެންޓް މެންބަރު ޗަމިންދަ ވިޖެސިރި ކުރެއްވި ސުވާލަކާ ގުޅިގެން ބޮޑުވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރާއި މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 8 ރިޔާސީ ގަނޑުވަރެއް ބެލެހެއްޓުމަށް ދައުލަތުން 13.9 މިލިއަން ރުޕީސް ޚަރަދު ކޮށްފައިވާ ކަމަށެވެ.
"މި އިމާރާތްތަކަކީ އިޤްތިޞާދީ ގޮތުން ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭ ތަންތަނަށް ހެދެންދެން، އެތަންތަން ބެލެހެއްޓުމަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެ،" ޑރ. ހަރިނީ ވިދާޅުވިއެވެ.
މި ނިންމުމަކީ ސްރީލަންކާގެ އައު ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ. މީގެ ކުރިން ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހެރަތު ވެސް ވަނީ، ކުރީގެ ރައީސުންނަށް ދައުލަތުން ދީފައިވާ ބައެއް ގެކޮޅުތައް އަތުލުމަށްފަހު، އެ ތަންތަން ހައިކޯޓުތަކަކަށް ބަދަލުކުރުމަށް ކެބިނެޓުން ފާސްކޮށްފައިވާކަން ހާމަކުރައްވާފައެވެ.
ސަރުކާރުން ބުނާ ގޮތުގައި މީގެ މައިގަނޑު ބޭނުމަކީ ކޯޓުތަކުގައި ފުނިޖެހިފައިވާ މައްސަލަތައް (ޚާއްޞަކޮށް ކޮރަޕްޝަންގެ މައްސަލަތައް) އަވަސްކޮށް، ރައްޔިތުންނަށް ޢަދުލު އިންސާފު ޤާއިމުކޮށްދިނުން އަވަސްކުރުމެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، ބޭނުންނުކޮށް ހުރި ދައުލަތުގެ އިމާރާތްތަކުން ނަފާ ހޯދުމަކީ ރައީސް އަނުރަ ކުމާރަ ދިސަނާޔަކަގެ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.






