ހޯމޫޒް ކަނޑުއޮޅީގައި އީރާނުގެ ބޯޓުފަހަރާ ދެކޮޅަށް އެމެރިކާއިން އަނެއްކާވެސް ބްލޮކޭޑް ޖަހަން ފަށައިފި

ހޯމޫޒް ކަނޑުއޮޅީގައި އީރާނުގެ ބޯޓުފަހަރާ ދެކޮޅަށް އެމެރިކާއިން އަނެއްކާވެސް ބްލޮކޭޑް ޖަހަން ފަށައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޯމޫޒް ކަނޑުއޮޅީގައި އީރާނުގެ ބޯޓުފަހަރާ ދެކޮޅަށް އެމެރިކާއިން ކުރަމުންދިޔަ ނޭވަލް ބްލޮކޭޑް އަލުން ފަށަން ނިންމަވައިފިކަން އިއުލާނު ކުރައްވައިފިއެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޯމޫޒް ކަނޑުއޮޅިން ދަތުރުކުރާ އެހެން ގައުމުތަކުގެ ކާގޯ ބޯޓުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 20 އިންސައްތައިގެ ފީއެއް (ޓޯލް) ނަގަން ފަށާނެ ކަމަށެވެ. އަދި މިހާރުން ފެށިގެން އެމެރިކާ ވެގެންދާނީ "ގާޑިއަން އޮފް ދަ ހޯމޫޒް ސްޓްރެއިޓް" (ހޯމޫޒް ކަނޑުއޮޅީގެ ބެލެނިވެރިޔާ) އަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމުން ނިންމާފައިވަނީ، ފާއިތުވި މަހު އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުން ރޫޅި، ދެ ގައުމުގެ ދެމެދުގައި އަނެއްކާވެސް ހަމަލާތައް ބަދަލުކުރަން ފެށުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މި ބްލޮކޭޑަކީ ހަމައެކަނި އީރާނުގެ ބޯޓުފަހަރަށާއި އީރާނަށް މުދާ ގެންދާ ބޯޓުފަހަރަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. އެހެން ގައުމުތަކުގެ ބޯޓުފަހަރަށް އެ ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކުރެވޭނެ ކަމުގެ ޔަގީންކަން ޓްރަމްޕް ވަނީ ދެއްވާފައެވެ.

"ހޯމޫޒް ކަނޑުއޮޅި އޮތީ ހުޅުވިފައި. އީރާނާ އެކު ނުވަތަ އީރާނާ ނުލައި ވެސް އެތަން އޮންނާނީ ހުޅުވިފައި،" ޓްރަމްޕް ވިދާޅުވިއެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ހޯމޫޒް ކަނޑުއޮޅި، މި އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އެމެރިކާއިން މި ފިޔަވަޅު އެޅުމާއެކު، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ދުނިޔޭގެ ތެލުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް މާހިރުން ލަފާކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *