އިޒްރޭލް މީހަކު ފެނިއްޖެނަމަ ވަގުތުން ޑިޕޯޓް ކޮށްލާނަން: މެލޭޝިޔާގެ ބޮޑުވަޒީރު

އިޒްރޭލް މީހަކު ފެނިއްޖެނަމަ ވަގުތުން ޑިޕޯޓް ކޮށްލާނަން: މެލޭޝިޔާގެ ބޮޑުވަޒީރު

އިސްރާއީލުގެ ރައްޔިތަކު މެލޭޝިޔާގައި އުޅޭކަމަށް ފެތުރިފައިވާ އަޑުތަކަކާ ގުޅިގެން، އެގައުމުގެ ސަރަހައްދުން އިސްރާއީލު ރައްޔިތަކު ފެނިއްޖެ ނަމަ ވަގުތުން ޑިޕޯޓްކޮށްލާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހެން ވިދާޅުވީ، މެލޭޝިޔާގެ ޖޮހޯރް ސްޓޭޓްގައި ހުންނަ ޕްރައިވެޓް ރެސިޑެންޝަލް ކޮމިއުނިޓީއެއްގެ ހަރަކާތްތަކެއްގައި އިސްރާއީލުގެ ރައްޔިތަކު ބައިވެރިވަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކާ ގުޅިގެންނެވެ.

މި މައްސަލައަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ކަމާބެހޭ އިދާރާތަކުން މި މައްސަލަ ބަލަމުންދަނީ ވަރަށް ސީރިއަސްކޮށް ކަމަށެވެ. އަދި މި ތުހުމަތުތަކުގެ ހަގީގަތް ސާބިތުވެއްޖެ ނަމަ، ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"އިސްރާއީލުގެ ރައްޔިތަކު ފެނިއްޖެ ނަމަ، އެ މީހަކު ވަގުތުން ޑިޕޯޓްކޮށްލާނަން. ސަބަބަކީ މެލޭޝިޔާއިން އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ގަބޫލެއް ނުކުރޭ،" ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.

މެލޭޝިޔާގެ މިހާރުގެ އިމިގްރޭޝަން ސިޔާސަތުތައް ބުނާގޮތުން، ޚާއްޞަ ހުއްދައެއް ލިބިގެން މެނުވީ އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ މީހުންނަށް އެގައުމަށް އެތެރެވުން ވަނީ މުޅިން މަނާކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މެލޭޝިޔާގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން މިހާރު ވަނީ ރަސްމީ ތަހުގީގެއް ފަށާފައެވެ.

މީގެ އިތުރުން، ގައުމުގެ ބޯޑަރާއި ދާޚިލީ ސަލާމަތް ރައްކާތެރިކުރުމުގެ ގޮތުން، މެލޭޝިޔާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ދާދިފަހުން ވަނީ "ފޮރެސްޓް ސިޓީ" ގައި ދިރިއުޅޭ 266 ބޭރު ގައުމުތަކުގެ ރައްޔިތުން ބަލައި ފާސްކޮށްފައެވެ. ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ޗެކްކުރެވުނު ހުރިހާ އެންމެންގެ އަތުގައި ވެސް ގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސައްހަ ލިޔެކިޔުންތައް ހުއްޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *