ހޯކްސްއިން ތައާރަފްކުރި ކުދި ބޯޓުތައް ރާއްޖޭގެ ވައިގެ ސަރަހައްދުގައި އުދުހެން ފަށައިފި

ހޯކްސްއިން ތައާރަފްކުރި ކުދި ބޯޓުތައް ރާއްޖޭގެ ވައިގެ ސަރަހައްދުގައި އުދުހެން ފަށައިފި

ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ "ހޯކްސް އެއާ" އިން ރާއްޖެއަށް ތައާރަފްކުރި އައިކޯން އޭ5 އެމްފިބިއަސް ކުޑަ ބޯޓު، ފުރަތަމަ ފަހަރަށް ރާއްޖޭގެ ވައިގެ ސަރަހައްދުގައި ކާމިޔާބުކަމާއެކު އުދުހެން ފަށައިފިއެވެ.

މިއީ މި ބޯޓު ރާއްޖެ ގެނައިތާ އަހަރެއްހާ ދުވަސް ފަހުން، ސިވިލް އޭވިއޭޝަންގެ ހުރިހާ ހުއްދަތަކާއި ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެއްތުމަށްފަހު ކުރި ފުރަތަމަ ރަސްމީ އުދުހުމެވެ.

އެމެރިކާގެ ކެލިފޯނިއާގެ "އައިކޯން އެއާކްރާފްޓް" ކުންފުނިން އުފައްދާފައިވާ މި ބޯޓަކީ ލައިޓް ސްޕޯޓްސް ކެޓަގަރީގެ ބޯޓެކެވެ. ރާއްޖޭގެ ރަށްތަކާއި ކަނޑުގެ ސަރަހައްދަށް ވަރަށް ބޮޑަށް ފެތޭގޮތަށް ފަރުމާކޮށްފައިވާ މި ބޯޓުގެ މައިގަނޑު ސިފަތަކަކީ:

ޖާގަ: ދެ މީހުންގެ ޖާގަ (ޕައިލެޓާއެކު).
އިންޖީނު: ރޮޓެކްސް 912 އައިއެސް ސްޕޯޓް އިންޖީނު.
ފަރުމާ: ބޯޓު އެއްގަމު މަގުން ގެންދިއުމުގައާއި ބޭއްވުމުގައި ފަސޭހައަކަށް ފިޔަގަނޑު ފަތްޖަހާލެވެއެވެ. ބޯޓުގެ ކޮކްޕިޓް ހަދާފައިވަނީ 360 ޑިގްރީއަށް ބޭރު ވަރަށް ސާފުކޮށް ފެންނަ ބިއްލޫރިގަނޑަކުންނެވެ.
ދުވެއްޔާއި ދުރުމިން: ގަޑިއަކު 85 ނޮޓްސްގެ ބާރުމިނުގައި ދަތުރުކުރާއިރު، އެއްފަހަރު ތެޔޮ އަޅައިގެން 420 ނޯޓިކަލް މޭލަށްވުރެ ދުރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވެއެވެ.

މި ބޯޓު އެންމެ ފުރަތަމަ ރާއްޖެ ގެނެސްފައިވަނީ އޮގަސްޓް 2025 ގައެވެ. ރާއްޖޭގެ ވައިގެ ސަރަހައްދުގައި ފަތުރުވެރިކަމަށް ބޭނުންކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގެ އެއާވޯދިނަސް ސެޓްފިކެޓް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ހޯކްސް ކުންފުނިން މި ބޯޓު ދުއްވުމަށްޓަކައި ދިވެހި ޕައިލެޓަކު އެމެރިކާއަށް ފޮނުވައިގެން ހާއްސަ ޓައިޕް ރޭޓިންގް ތަމްރީނުތައް ވަނީ ފުރިހަމަކޮށްފައެވެ. ލޮނުފެނުގެ ސަބަބުން މިބޯޓު ދަބަރުޖެހުމުން ސަލާމަތްކުރުމަށާއި އިންޖީނު ބެލެހެއްޓުމަށްޓަކައި އެފްއޭއޭ ލައިސަންސް އޮތް ހާއްސަ އެއާކްރާފްޓް މެއިންޓެނަންސް އިންޖިނިއަރެއް ހޯދުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ހޯކްސް އެއާލައިނުން ނިންމާފައިވަނީ މި ބޯޓު މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކުރުމަށެވެ. އެގޮތުން ރާއްޖޭގެ ރީތި އަތޮޅުތައް މަތިން ބަލާލުމަށް ބާއްވާ "ސީނިކް ޓުއާސް" ތަކަށާއި، މަތިން ފޮޓޯނެގުމުގެ ދަތުރުތަކުގެ އިތުރުން، ރިސޯޓުތަކަށް އަންނަ ވީއައިޕީ ފަތުރުވެރިން ޕްރައިވެޓްކޮށް އުފުލުމަށް މި ބޯޓު ބޭނުންކުރަން ވަނީ ރާވާފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *