ކޮފީ ބުއިން ސިއްހަތަށް ފައިދާހުރިތޯ ނުވަތަ ނޫންތޯ ބިނާވަނީ އަންހެން ފިރިހެން ކަމަށް: ދިރާސާ

ކޮފީ ބުއިން ސިއްހަތަށް ފައިދާހުރިތޯ ނުވަތަ ނޫންތޯ ބިނާވަނީ އަންހެން ފިރިހެން ކަމަށް: ދިރާސާ

ހެނދުނު ހޭލައިގެން މާހައުލަށް ހޭނުމަށާއި، ހަށިގަނޑު ހަލުވިކޮށްލުމަށް ގިނަ ބަޔަކު ބޭނުންކުރާ އެންމެ މަގުބޫލު ބުއިމަކީ ކޮފީއެވެ. ނަމަވެސް ކޮފީއަކީ ސިއްހަތަށް ފައިދާހުރި އެއްޗެއްތޯ ނުވަތަ ގެއްލުންހުރި އެއްޗެއްތޯ ކުރެވޭ ބަހުސަކީ ދުވަހަކުވެސް ކޮޅެއްގައި ނުޖެހޭ ބަހުސެކެވެ. ކެނެޑާގެ ސީ.ބީ.ސީ ރޭޑިއޯގެ "ދަ ޑޯޒް" ޕޮޑްކާސްޓުގައި ސައިންސްވެރިން ހާމަކުރި ގޮތުގައި، ކޮފީ ސިއްހަތަށް ރަނގަޅުތޯ ނުވަތަ ނޫންތޯ ނިންމަނީ އެމީހެއްގެ ހަށިގަނޑުގައި ހުންނަ ޖީންސް ނުވަތަ ވިރާސީ ބާރުތަކުގެ މައްޗަށެވެ.

ޓޮރޮންޓޯ ޔުނިވަރސިޓީގެ ކްލިނިކަލް ސައިންސްވެރިއެއް ކަމަށްވާ ސާރާ މަހްދަވީ ބަޔާންކުރި ގޮތުގައި، ކޮފީގައި ހިމެނޭ "ކެފެއިން" އެކި މީހުންގެ ހަށިގަނޑުގައި މެޓަބޮލައިޒް ކުރާ ނުވަތަ ހަށިގަނޑަށް ހަޖަމުކޮށް ބަދަލުކޮށްދޭ ދޭ މިންވަރު ތަފާތެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާބާދީގެ ދެބައިކުޅައެއްބައި މީހުންނަކީ ކެފެއިން ވަރަށް އަވަހަށް ހަށިގަނޑަށް ބަދަލުކޮށްދޭ މީހުންނެވެ. އަދި ބާކީ ތިބި މީހުންނަކީ ކެފެއިން ހަށިގަނޑަށް ބަދަލުކުރުން ލަސް މީހުންނެވެ.

ސާރާ މަހްދަވީ ކުރިއަށް ގެންދިޔަ 16 އަހަރުގެ ދިރާސާއެއްގައި، ލޭމައްޗަށްދާ 1،100 އަށްވުރެ ގިނަ މީހުން ބައިވެރިކުރިއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ކެފެއިން ލަހުން ހަޖަމުވާ މީހުން ދުވާލަކު 300 މިލިގްރާމަށްވުރެ ގިނައިން ކެފެއިން ބޭނުންކުރުމުން (ގާތްގަނޑަކަށް ދެ ތަށި ކޮފީ) އެމީހުންގެ ކިޑްނީގެ މަސައްކަތްތަކަށް ބުރޫއަރައި، ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރެއެވެ.

ނަމަވެސް، އަވަހަށް ކެފެއިން ހަޖަމުވާ މީހުން ގިނައިން ކޮފީ ބުއި ނަމަވެސް އެމީހުންގެ ކިޑްނީގެ ދުޅަހެޔޮ ކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދި ކިއެއްތަ، އެފަދަ މީހުން ކޮފީ ބުއިން އިތުރުކުރި ވަރަކަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަވާކަންވެސް ދިރާސާއިން ދެއްކިއެވެ.

ލައުރެންޝިއަން ޔުނިވަރސިޓީގެ ޖެނެޓިސިސްޓެއް ކަމަށްވާ ތޯމަސް މެރިޓް ވިދާޅުވި ގޮތުގައި، ކޮފީގައި ހުންނަ ކެފެއިން މޮލިކިއުލްތައް ވައްތަރީ އިންސާނާ ނިދި ނާންނަ ކަހަލަ ކެމިކަލެއް ކަމަށްވާ "އެޑިނަސީން" އާއެވެ. ކޮފީ ބުއިމުން ކެފެއިން ގޮސް ސިކުނޑީގައި ހުންނަ އެޑިނަސީން ރިސެޕްޓަރުތަކާ ގުޅެއެވެ. މީގެ ސަބަބުން ނިދި އައުމުގެ ސިގްނަލްތައް ބަންދުވެ، ހޭލައި ހުރުމުގެ ސިގްނަލްތައް ސިކުނޑިން ފޮނުވަން ފަށައެވެ. މީގެ އިތުރުން، ކޮފީގެ ސަބަބުން އުފާވެރިކަން އިހުސާސްކޮށްދޭ ކެމިކަލެއް ކަމަށްވާ "ޑޯޕަމީން" ވެސް ސިކުނޑީގައި އިތުރުވެގެންދެއެވެ.

ސާރާ މަހްދަވީ ލަފާދެއްވާ ގޮތުގައި، ކޮންމެ މީހަކަށްވެސް ދުވާލަކު 200 މިލިގްރާމްގެ ކެފެއިން (ގާތްގަނޑަކަށް އާދައިގެ 1 ނުވަތަ 2 ތަށި ކޮފީ) ބުއިމަކީ ރައްކާތެރި މިންވަރެކެވެ. ހެލްތު ކެނެޑާގެ އިރުޝާދުތަކުގައިވާ ގޮތުން ބަނޑުބޮޑުނޫން ފުރާވަރުގެ މީހުންނަށް ދުވާލަކު 400 މިލިގްރާމްގެ ކެފެއިންއާ ހަމައަށް ބޭނުންކުރުން އެންމެ ރަނގަޅެވެ.

ނޯތުވެސްޓާން ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރ މެރިލިން ކޯނެލިސް ވިދާޅުވި ގޮތުގައި، އިންސާނާގެ ހަށިގަނޑަކީ ގުދުރަތީ ގޮތުން އަމިއްލައަށް ކޮފީ ބޭނުންވާ މިންވަރު ނިންމާ އެއްޗެކެވެ. ކޮފީ ބުއިމުން މާބޮޑަށް ތުރުތުރުއަޅާ، ހާސްވާހެން ހީވާނަމަ އެއީ ތިމާއަކީ ކެފެއިން ލަހުން ހަޖަމުވާ މީހެއްކަމުގެ ނިޝާނެކެވެ. އެހެންކަމުން އެފަދަ މީހުން ކޮފީ ބުއިން މަދުކުރަންޖެހެއެވެ.

ދުނިޔޭގެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، ކޮފީއަކީ ހަކުރުބަލީގެ ބާވަތެއް ކަމަށްވާ "ޓައިޕް 2 ޑައިބެޓީސް" އާއި ސިކުނޑީގެ ބައްޔެއް ކަމަށްވާ "ޕާކިންސަންސް" ބަލިން ރައްކާތެރިވުމަށްވެސް އެހީތެރިވެދޭ ބުއިމެކެވެ. އެހެންކަމުން، މާޒީގައި ކޮފީއަކީ ސިއްހަތަށް ގެއްލުންހުރި އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިހާރު ސައިންސްވެރިން އެއްބަސްވަނީ މިންހެޔޮކޮށް ބޯނަމަ ކޮފީއަކީ ސިއްހަތަށް ފައިދާހުރި އެއްޗެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *