މިޔަންމާގެ އިރުއުތުރު ސަރަހައްދެއް ކަމަށްވާ ނަމްކާމް ޓައުންޝިޕްގެ ކައުންގްޓަޕް އަވަށުގައި، މައިނިންގް ނުވަތަ ކޮނުމުގެ މަސައްކަތްތަކަށް ބޭނުންކުރާ ސިނާއީ ގޮވާތަކެތި ރައްކާކުރާ އިމާރާތެއް ގޮވައި، މަދުވެގެން 55 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމް ވެއްޖެއެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެންމެ ފުރަތަމަ މަރުވި ކަމަށް ރިޕޯޓްކުރި 45 މީހުންގެ އަދަދު މިހާރު ވަނީ 55 އަށް އަރާފައެވެ. އާދީއްތަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ހޯދިފައިވާ ހަށިގަނޑުތަކުގެ ތެރެއިން 46 ހަށިގަނޑެއް އެންދުމުގެ ކަންކަން ކުރިއަށްދިޔައިރު، އޭގެ ތެރޭގައި ޗައިނާގެ ތިން ރައްޔިތަކު ހިމެނޭކަން ވަނީ ކަށަވަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭއިރު، އޭގެ ތެރޭގައި އެއް އަހަރުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.
އެ ސަރަހައްދު ކޮންޓްރޯލް ކުރާ އަދި މިޔަންމާގެ އަސްކަރީ ޖުންތާއާ ދެކޮޅަށް ހަނގުރާމަކުރާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ 'ތައާންގް ނޭޝަނަލް ލިބަރޭޝަން އާމީ' އިން ހާމަކުރި ގޮތުގައި، މިއީ ގަސްތަކާ ނުލައި ހިނގި ނުރައްކާތެރި އެކްސިޑެންޓެކެވެ. އެ ޖަމާއަތުގެ އިގްތިސާދީ ސެކްޝަނުން ބުނި ގޮތުގައި، އެ ގުދަނުގައި ރައްކާކޮށްފައި ހުރީ އެ ސަރަހައްދުގެ މައިނިންގް މަސައްކަތްތަކަށް ބޭނުންކުރާ 'ޖެލިގްނައިޓް' ކަމަށްވާ ސިނާއީ ގޮވާތަކެތީގެ ބާވަތެކެވެ. މި ތަކެތި ގޮވަން މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި ގޮވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ފުރަތަމަ ހީކުރި ވަރަށްވުރެ މާ ބޮޑެވެ. ގޮވުން ހިނގި ކައުންގްޓަޕް އަވަށުން ގާތްގަނޑަކަށް 200 އެއްހާ ގެ އެއްކޮށް ސުންނާފަތިވެ ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އަވަށްޓެރި ޕަން ލޯން އަވަށުން ވެސް 100 އެއްހާ ގެއަށް ވަނީ ގެއްލުން ވެފައެވެ. މި ހާދިސާ ހިނގި ސަރަހައްދަކީ ޗައިނާގެ ބޯޑަރާ އެންމެ 3 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.
އެ ސަރަހައްދުގައި ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާތީ، ގޮވުމުގެ ބާރުގަދަ އަޑާއެކު، އެއީ ސަރުކާރުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއް ކަމަށް ހީކޮށް އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނު ކަމަށް މައުލޫމާތު ލިބެއެވެ.
ހާދިސާއިން ސަލާމަތްވި މީހުން ބުނި ގޮތުގައި އެ ވަގުތު ސިފަވެގެން ދިޔައީ "ދުނިޔެ ނިމިގެންދިޔަ" ފަދަ މަންޒަރެކެވެ. ދުމާއި، ކުނިބުންޏާއި، އަދި ބިންދައިގެން ގޮސްފައިވާ ގަސްތަކުގެ ތެރެއިން މީހުން ރޮއެ ހޭރެމުންދިޔަ އަޑު އިވެމުންދިޔައެވެ.
މި ހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުން ދަނީ ބޮޑު ކަންބޮޑުވުމަކާއި ކޯފާ ފާޅުކުރަމުންނެވެ. އެމީހުން ސުވާލު އުފައްދަނީ، އާންމުން ދިރިއުޅޭ މީހުން ގިނަ ސަރަހައްދެއްގެ ކައިރީގައި މިފަދަ ނުރައްކާތެރި ގޮވާތަކެތި ރައްކާކުރާ ގުދަނެއް ހިންގަން ހުއްދަ ދިނީ ކީއްވެގެންތޯއެވެ. އަދި މި ސަލާމަތީ އިހުމާލުގެ ފުރިހަމަ ޖަވާބުދާރީވުމެއް ކަމާބެހޭ ފަރާތްތަކުން ނުދޭހާ ހިނދަކު ހިތްހަމަޖެހުމެއް ނެތް ކަމަށް ވެސް ރައްޔިތުން ބުނެފައިވެއެވެ.
މިޔަންމާގެ ބާގީ ޖަމާއަތްތަކުން އަސްކަރީ ޖުންތާއާ ދެކޮޅަށް ކުރާ ހަނގުރާމައަށް ފަންޑު ހޯދުމަށްޓަކައި އަގުބޮޑު މަޢުދަންތައް ކޮނުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރެއެވެ. ނަމަވެސް، ސަލާމަތީ މިންގަނޑުތައް ދަށްވުމުގެ ސަބަބުން މިފަދަ ނުރައްކާތެރި ހާދިސާތައް މި ސަރަހައްދުގައި ތަކުރާރުކޮށް ހިނގައެވެ. އަދި އާދީއްތަ ދުވަހުގެ މި ގޮވުމަކީ ފަރުވާކުޑަކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބުނު އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަޔަކު މަރުވި ހާދިސާއެވެ





