ޕޯސްޓްޕާޓަމް ޑިޕްރެޝަން ހުންނަ އަނބިމީހާއަށް އެންމެ ބޮޑަށް އެހީވެވޭނީ ފިރިމީހާއަށް

ޕޯސްޓްޕާޓަމް ޑިޕްރެޝަން ހުންނަ އަނބިމީހާއަށް އެންމެ ބޮޑަށް އެހީވެވޭނީ ފިރިމީހާއަށް

ޕޯސްޓްޕާޓަމް ޑިޕްރެޝަން (PPD) ތަހައްމަލު ކުރަމުންދާ މަންމައަކަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ މީހަކީ އޭނާގެ ފިރިމީހާއެވެ. މިއީ ހަމައެކަނި އަންހެނުންގެ މައްސަލައެއް ކަމަށް ދޫކޮށްނުލައި، ދެމަފިރިން އެކުގައި މަސައްކަތް ކޮށްގެން ފަސޭހައިން ހައްލު ކުރެވޭނެ ހާލަތެކެވެ.

ފިރިންނަށް އަދާކުރެވިދާނެ މުހިންމު ދައުރުތައް ތިރީގައި އެވަނީއެވެ.

1. ޖިސްމާނީ ގޮތުން އެހީތެރިވުން:

ބަލީގެ ސަބަބުން މަންމަ ހުންނާނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެން ކަމުން ބުރަ ލުއިކޮށްދިނުން މުހިންމެވެ.

ދަރިފުޅުގެ ކަންކަމުގައި ބައިވެރިވުން: ކުއްޖާގެ ނެޕީ ބަދަލު ކުރުން، ފެންވެރުވުން، އަދި ރޭގަނޑު ކުއްޖާ ރޯގަޑީގައި އުރާލައިގެން މަސަލަސް ކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.

ގޭތެރޭގެ މަސައްކަތްތައް ހަވާލުވުން: ކެއްކުމާއި، ކުނިއުކާލުމާއި، ނުވަތަ އެއްޗެހި ދޮވުން ފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުން ނުވަތަ އެހެން މީހެއްގެ އެހީތެރިކަން ހޯދައިދެވިދާނެއެވެ.

އަރާމު ކުރާނެ ވަގުތު ހޯދައިދިނުން: މަންމައަށް ހަމަނިދި ލިބުމަކީ ސިކުނޑި ތާޒާވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދަރިފުޅު ގާތުންދޭ ވަގުތު ފިޔަވައި އެހެން ވަގުތުތަކުގައި މަންމައަށް ނިދާލާނެ ފުރުސަތު ހޯދައިދޭށެވެ.

2. ޖަޒުބާތީ ގޮތުން ހިތްވަރުދިނުން:

ނަފްސާނީ ބަލިމަޑު ކަމެއްގައި ހުންނަ މީހަކަށް އެންމެ ބޭނުން ވާނީ އޭނާ ދައްކާ ވާހަކަ އަޑުއަހާނެ، ކުށްވެރި ނުކުރާނެ މީހެކެވެ.

ޝަކުވާތައް ކަނުލާ އަޑުއެހުން: އޭނާ ދެރަވެގެން ނުވަތަ ރުޅިއައިސްގެން ދައްކާ ވާހަކަތަކަށް ޒުވާބުނުކޮށް، އަޅާލުމާއެކު އަޑުއަހާށެވެ. "މިއީ އާދައިގެ ކަމެއް" ކަމަށް ބުނެ އޭނާގެ އިހުސާސްތައް ކުޑަ ނުކުރާށެވެ.
ތައުރީފުކުރުން: އޭނާއަކީ ރަނގަޅު މަންމައެއް ކަމާއި، އޭނާ ކުރާ މަސައްކަތް ބަލައިގަންނަކަން ބަހުންނާއި އަމަލުން ހާމަކޮށްދޭށެވެ. PPD ހުންނަ މައިން އަމިއްލަ ނަފްސާ މެދު ވަރަށް ބޮޑަށް ކުށްވެރިކަމުގެ އިހުސާސް ކުރާނެއެވެ.
ކެތްތެރިވުން: އޭނާގެ މޫޑަށް އަންނަ ބަދަލުތަކަކީ ގަސްތުގައި ކުރާ ކަމެއް ނޫންކަން ދަނެގެން، ކެތްތެރިކަމާއެކު މުއާމަލާތް ކުރާށެވެ.

3. ސިއްހީ އެހީތެރިކަން ހޯދައިދިނުން:

ބައެއް ފަހަރު ބަލީގެ ސަބަބުން އަމިއްލައަށް ޑޮކްޓަރަށް ދާން ނިންމަން މަންމައަށް އުނދަގޫވެދާނެއެވެ.

އެޕޮއިންޓްމަންޓް ހެދުން: ނަފްސާނީ މާހިރަކަށް ނުވަތަ އަންހެނުންގެ ޑޮކްޓަރަކަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދައި، ދިއުމުގެ ކަންކަން ހަމަޖައްސައިދޭށެވެ.
ޑޮކްޓަރަށް ދާއިރު އެކުގައި ދިއުން: ޑޮކްޓަރު ކައިރިއަށް އެކުގައި ގޮސް ހިތްވަރުދީ، ޑޮކްޓަރު ދޭ އިރުޝާދުތަކާއި ބޭސްތައް ގަވާއިދުން ބޭނުންކުރޭތޯ ބަލާށެވެ.

ފިރިންނަށް މުހިންމު މެސެޖެއް:

އަނބިމީހާއަށް އަންނަ ބަދަލުތަކަށް ސަމާލުވާށެވެ. އޭނާ ގިނައިން އެކަނި ރޮއެ، ދަރިފުޅާ ދުރަށްދާން އުޅޭނަމަ ނުވަތަ މާބޮޑަށް މާޔޫސްވާނަމަ އެއީ އެހީތެރިކަން ބޭނުންވާ މިންވަރުގެ ސިގްނަލެކެވެ. ތިބާގެ ކުޑަކުޑަ އަޅާލުމަކުންވެސް އޭނާގެ ދިރިއުޅުން ބަދަލުކޮށް ލެވިދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *