ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން 7،100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން 7،100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު އިސްރާއީލުން 7،142 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްރާއީލުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 107 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މިހާރުވެސް 114 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ ކަމަށާއި، އޭގެ ތެރެއިން 2 މީހެއްގެ ހާލު ވަރަށް ނާޒުކު ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން 14 މީހަކަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ވަނީ މަޢުލޫމާތު ދީފައެވެ.

ހެލްތު މިނިސްޓްރީގެ ބަޔާނުގައި މަރުވި މީހުންގެ އަދަދު ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އިސްރާއީލުގެ 'އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް' އިން ބުނެފައިވާ ގޮތުގައި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން މަދުވެގެން 31 މީހުން ވަނީ މަރުވެފައެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް އެގައުމުގެ 11 ސިފައިން މަރުވެ، 375 ސިފައިން ވަނީ ޒަޚަމްވެފައެވެ.

މެދުއިރުމަތީގެ މަސްރަހު މިހާ ބޮޑަށް ގޯސްވެގެން ދިޔައީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އީރާނުގެ އޭރުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ ހިމެނޭހެން 1،340 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މިކަމުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އިސްރާއީލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ އުރުދުން، އިރާގު އަދި ގަލްފުގެ އެހެނިހެން ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. މީގެ އިތުރުން ހުރްމޫޒް ކަނޑުއޮޅިން ބޯޓުފަހަރު ދަތުރުކުރުންވެސް އީރާނުން ވަނީ ހަނިކޮށްފައެވެ.

މި ހަމަނުޖެހުންތައް މިހާރު ވަނީ ލުބުނާނަށްވެސް ފުޅާވެފައެވެ. އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނަށް ވައިގެ އަދި އެއްގަމުގެ ހަމަލާތައް ދެމުންދާއިރު، ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތުންވެސް ދަނީ އިސްރާއީލަށް އަމާޒުކޮށް ހުއްޓުމެއްނެތި ހަމަލާތައް ދެމުންނެވެ. މިއާއެކު މުޅި ސަރަޙައްދު ވަނީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *