ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ އޮނިގަނޑަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަކީ މިއަދު ގައުމީ ފެންވަރެއްގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ކޮންމެ ސިނާޢަތަކަށް ބަލާލިޔަސް، އިމާރާތް ކުރުމުން ފެށިގެން ގޭތެރޭގެ މަސައްކަތްތަކާ ހަމައަށް، އަދި ރާއްޖޭގެ މައިބަދަ ކަމަށްވާ މަސްވެރިކަމުގެ ދާއިރާގައިވެސް މިއަދު ރަސްކަން ކުރަނީ ބިދޭސީންނެވެ.
ރާއްޖޭގެ މަސައްކަތުގެ ބާޒާރު ބިދޭސީންގެ އަތްމައްޗަށް ދޫވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ މީގެ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ހިމެނެނީ:
1. މަސައްކަތުގެ އަގު ހެޔޮވުން: ދިވެހި މަސައްކަތްތެރިއަކަށް ދޭންޖެހޭ އުޖޫރައަށްވުރެ ކުޑަ އުޖޫރައަކަށް ބިދޭސީން ލިބެން ހުރުން.
2. މަސައްކަތުގެ އަޚްލާޤާއި ވަގުތު: ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި، ބުރަ މަސައްކަތްތަކަށް ބިދޭސީން ކުރާ ކެތްތެރިކަން ބޮޑުވުން.
3. ދިވެހިންގެ ވިސްނުން: ބައެއް ބާވަތުގެ މަސައްކަތްތަކަކީ (މިސާލަކަށް: ކުނި އުކުން، ދަނޑުވެރިކަން، މަސް ކެނޑުން) ދަށް މަސައްކަތްތަކެއް ކަމަށް ދެކޭ ދިވެހިން ގިނަވުން. 4. ވަޒީފާ ދޭ ފަރާތްތަކުގެ ފައިދާ: ކުޑަ ޚަރަދަކުން ބޮޑު ފައިދާއެއް ހޯދުމުގެ ބޭނުމުގައި ކުންފުނިތަކުން ބިދޭސީންނަށް އިސްކަންދިނުން.
މިއަދު ދިވެހި އެއަރލައިން ތަކުގެ ކެބިން ކްރޫއިންގެ ގޮތުގައިވެސް ބިދޭސީން ފެންނަމުން ދިއުމަކީ، ދިވެހިންނަށް ކުރެވޭނެ ފަންނީ ވަޒީފާތައްވެސް ބިދޭސީންގެ އަތްމައްޗަށް ދާން ފަށާފައިވާ ކަމުގެ ހެއްކެކެވެ. މިހާލަތު މިގޮތަށް ކުރިއަށް ގޮސްފިނަމަ، ކުރިއަށް އޮތް 20-30 އަހަރު ތެރޭގައި ރާއްޖެއަށް ކުރިމަތިވެދާނެ ބިރުވެރި ނަތީޖާތަކެއް އެބަހުއްޓެވެ.
ރާއްޖޭގައި ދައުރުވާ ފައިސާގެ ބޮޑު ބައެއް "ރެމިޓެންސް" ނުވަތަ ބޭރު ފައިސާގެ ގޮތުގައި ގައުމުން ބޭރުވާނެއެވެ. މީގެސަބަބުން ޑޮލަރުގެ ތާށިކަން ދާއިމީ މައްސަލައަކަށް ވެގެންދާނެއެވެ. ރާއްޖޭގެ އަމިއްލަ ވަންތަކަން ގެއްލި ސަގާފަތާއި، ބަހާއި، ދިރިއުޅުމުގެ އާދަކާދަތަކަށް ބޭރުގެ ނުފޫޒު ވަދެ، ދިވެހިވަންތަކަން ފަނޑުވެގެންދާނެއެވެ.
ކުށްކުރުން އިތުރުވުމާއި، ބިދޭސީންގެ އަމިއްލަ "ކޮމިއުނިޓީ" ތައް އުފެދި، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ކޮންޓްރޯލް އެމީހުންގެ އަތްމައްޗަށް ދިއުން އެކަށީގެން ވެއެވެ. ދިވެހިންނަށް ވަޒީފާގެ ފުރުސަތުހަނިވެ، މުސްތަޤުބަލުގެ ޖީލުތަކަށް އަމިއްލަ ގައުމުގައި ކުރާނެ މަސައްކަތެއް ނެތި، ބިދޭސީންގެ ބާރުގެ ދަށުގައި އުޅެންޖެހުން އެކަށީގެންވެއެވެ.
މި ކަން ކަން ހުއްޓުވުމަށްޓަކައި މިއަދު މަސައްކަތް ކުރަންޖެހެއެވެ. ނަމަވެސް ނިމި ދިޔަ ސަރުކާރުތަކުން އެކި ކަހަލަ ފިޔަވަޅުތައް އަޅާ ޤާނޫނާއި ޤަވައިދު ހަދައިގެން ވެސް އެކަށީގެންވާ ނަތީޖާ އެއް ނެރެވިފައި އެއްނެތެވެ. މި ނުރައްކާތެރި މިސްރާބުން ގައުމު ސަލާމަތް ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.
1. ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤާނޫނުތައް ހަރުކަށިކޮށް، "ކޯޓާ" ނިޒާމު ހަރުދަނާކުރުން. ވަގަށް އުޅޭ ބިދޭސީން ހޯދައި ފޮނުވާލުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުން.
2. މަސައްކަތުގެ އަގު ބޮޑުކުރުން: ދިވެހިން ވަޒީފާއަށް ނުކުންނާނީ އެކަށީގެންވާ އުޖޫރައެއް ލިބިގެންނެވެ. އެހެންކަމުން "މިނިމަމް ވޭޖް" ނުވަތަ އެންމެ ކުޑަ އުޖޫރަ އަލުން މުރާޖާކޮށް ހުރިހާ ދާއިރާއަކަށް ފެތުރުން މުހިންމެވެ.
3. ތަމްރީނާއި ހުނަރު: ދިވެހި ޒުވާނުންނަށް ފަންނީ މަސައްކަތްތައް ދަސްކޮށްދޭނެ މަރުކަޒުތައް އިތުރުކުރުން. (މިސާލަކަށް: އޭވިއޭޝަން، އިންޖިނިއަރިންގ، ކަލިނަރީ އާޓްސް).
4. ވިޔަފާރީގެ ކޮންޓްރޯލް: ދިވެހިންގެ ނަމުގައި ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ހަމައެކަނި ދިވެހިންނަށް ކުރެވޭނެ ކަންކަން ކަމުގައި ހެދުން.
5. ވިސްނުން ބަދަލުކުރުން: އެއްވެސް މަސައްކަތަކީ ދަށް މަސައްކަތެއް ނޫންކަން ގަބޫލުކޮށް، އަމިއްލަ ގައުމު ބިނާކުރުމަށް ދިވެހިން ނުކުތުމަށް ހިތްވަރު ދިނުން.
ބިދޭސީންގެ މައްސަލައަކީ ހަމައެކަނި ސަރުކާރު ތަކުން ހައްލު ކުރެވޭނެ ކަމެއް ނޫނެވެ. މިއީ ވަޒީފާދޭ ފަރާތްތަކާއި، އާންމު ރައްޔިތުން ގުޅިގެން ހައްލު ކުރަންޖެހޭ ގައުމީ ބޮޑު މައްސަލައެކެވެ. ވޯރާ ވިޔަފާރި ވެރިން ވެސް މި ރާއްޖޭގެ ވިޔަފާރިތައް ކޮންޓްރޯލް ނަގާފައި އޮތް ދުވަސް ވަރެއް ދިޔައެވެ. ނަމަވެސް އެމީހުން ވެސް މި ޤައުމުން ފައިބަން ޖެހޭގޮތަށް ކަންކަން ތަރުތީބު ކުރުމުން އެމީހުން މިއަދަކު ނެތެވެ. ވިމާ މިއަދު އަޅާނުލެވިއްޖެ ނަމަ، މާދަމާ ދިވެހިރާއްޖެ އޮންނާނީ ދިވެހިންގެ އަތުން ބީވެފައެވެ.





