އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ވަރުގަދަވެ، މުޅި ސަރަހައްދަށް ފެތުރެމުން ދިއުމާއެކު، ދުނިޔޭގެ ވިޔަފާރިއާއި ހަކަތައިގެ މުހިންމު ރާސްތާއެއް ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.
މި ނުރައްކާ ކުރިމަތިވެފައިވަނީ ދުނިޔޭގެ ތެލުގެ ބާޒާރު މިހާރުވެސް ބޮޑު ތަރުތީބަކުން ދަތިތަކަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް ހޮރްމޫޒް ކަނޑުއޮޅި މިހާރު އޮތީ އަމަލީ ގޮތުން ބަންދުވެފައި ކަމަށްވުމުން، ބާބުލް މަންދަބަށް ކުރިމަތިވާ ކޮންމެ ހުރަހަކީ ދުނިޔޭގެ އިގްތިސާދަށް އިއާދަނު ކުރެވޭނެ ފަދަ ގެއްލުންތަކެއް ލިބިގެންދާނެ ކަމެކެވެ.
ޔަމަނާއި ޖިބޫތީއާ ދެމެދު އޮންނަ ބާބުލް މަންދަބު ކަނޑުއޮޅިއަކީ އިންޑިއާ ކަނޑާއި ރަތްކަނޑު ގުޅުވައިދޭ ހަނި މަގެކެވެ. މިއީ ސުއޭޒް ކަނަލް މެދުވެރިކޮށް އޭޝިއާ އާއި ޔޫރަޕް ގުޅުވައިދޭ ހަމައެކަނި ކަނޑުގެ މަގެވެ. މި ކަނޑުއޮޅީގެ އެންމެ ހަނި ހިސާބުގައި ހުންނަނީ ގާތްގަނޑަކަށް 32 ކިލޯމީޓަރެވެ.
ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ތެލުގެ ޝިޕްމަންޓްތަކުގެ ގާތްގަނޑަކަށް %12 ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. 2025 ވަނަ އަހަރުގެ ކުރީކޮޅު ދުވާލަކު އެވްރެޖްކޮށް 4.2 މިލިއަން ފީފާ ތެޔޮ މި މަގުން އުފުލާފައިވެއެވެ.
އީރާނުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން، އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި "މޮޔަ ފިޔަވަޅުތަކެއް" އަޅާނަމަ، އެމެރިކާގެ މައްސަލަތަކުގެ ލިސްޓަށް އިތުރު ކަނޑުއޮޅިއެއް (ބާބުލް މަންދަބު) އިތުރުވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އީރާނުން ބުނާ ގޮތުގައި އެ ކަނޑުއޮޅީގެ ސަލާމަތަށް ނުރައްކާ ކުރުމުގެ ގާބިލްކަމާއި އިރާދަ އެ ގައުމުގައި އެބަހުއްޓެވެ.
މީގެ އިތުރުން، ޔަމަނުގެ ހޫޘީ ޖަމާއަތުގެ ނައިބު މައުލޫމާތާ ބެހޭ ވަޒީރު މުހައްމަދު މަންސޫރު ވިދާޅުވެފައިވަނީ، އިޒްރޭލާއި އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި ރަތްކަނޑާއި ބާބުލް މަންދަބަކީ އެމީހުންގެ އަތުގައި އޮތް ބާރުގަދަ އިޚްތިޔާރުތަކެއް ކަމަށެވެ. ހޫޘީން މިހާރު ދަނީ އީރާނާއި، ލުބުނާނުގެ ހިޒްބުالله އަދި އިރާގުގެ ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
މި ކަނޑުއޮޅި ބަންދު ވެއްޖެނަމަ، އޭޝިއާ އާއި ޔޫރަޕާ ދެމެދު ދަތުރުކުރާ އާގުބޯޓު ތަކަށް މަޖުބޫރުވާނީ އެފްރިކާ ވަށާލައި "ކޭޕް އޮފް ގުޑް ހޯޕް" މަގުން ދަތުރުކުރާށެވެ. މީގެ ސަބަބުން:
ދަތުރުގެ ވަގުތު އެތައް ހަފްތާއަކަށް އިތުރުވާނެއެވެ.
މުދާ އުފުލުމުގެ ޚަރަދު އިންތިހާއަށް އުފުލޭނެއެވެ.
ދުނިޔޭގެ ބާޒާރުގައި މުދަލާއި ހަކަތައިގެ އަގު ބޮޑުވެ، ތަދުމަޑުކަމެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
ބާބުލް މަންދަބުގެ އިސްތިރާތީޖީ މުހިންމު ކަމުން، މިހާރުވެސް އެމެރިކާ، ފަރަންސޭސިވިލާތް އަދި ޗައިނާ ފަދަ ބޮޑެތި ބާރުތަކުގެ އަސްކަރީ މަރުކަޒުތައް އެ ސަރަހައްދުގައި ގާއިމް ކޮށްފައިވެއެވެ. ނަމަވެސް، ހަނގުރާމަ ވަރުގަދަ ވަމުންދާ ވަރަކަށް މި މަރުކަޒުތަކަށްވެސް މި ކަނޑުގެ މަގު ފުރިހަމައަށް ރައްކާތެރި ކޮށްދެވޭނެ ކަމުގެ ޔަގީންކަން ދަނީ ކުޑަވަމުންނެވެ.





