ގަލްފުގެ ގައުމުތަކުން އީރާނަށް ރައްދު ހަމަލާ ދީފާނެ: ތުރުކީ

ގަލްފުގެ ގައުމުތަކުން އީރާނަށް ރައްދު ހަމަލާ ދީފާނެ: ތުރުކީ

އީރާނުން ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާނަމަ، ގަލްފުގެ ގައުމުތަކުން އެކަމަށް ރައްދު ދިނުމަށް މަޖުބޫރު ވެދާނެ ކަމުގެ އިންޒާރު ދީފި ކަމަށް ތުރުކީ ވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ބޭއްވުނު ސަރަހައްދީ ސަމިޓަކަށްފަހު ވާހަކަ ދައްކަވަމުން ފިދާން ވިދާޅުވީ، ގަލްފުގެ ގައުމުތަކުން އީރާނަށް "ފަހުގެ އިންޒާރުތައް" މިހާރު ދީފައިވާ ކަމަށެވެ. މި ސަމިޓަކީ އީރާނުން ގަލްފުގެ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ފިދާން ފާހަގަ ކުރެއްވި ގޮތުގައި، ގަލްފުގެ ގައުމުތަކުން ސުވާލު އުފައްދަނީ މި ހަނގުރާމައިގައި އެ ގައުމުތަކުން ބައިވެރި ނުވާއިރު، އީރާނުން އެ ގައުމުތަކަށް ހަމަލާދޭ ސަބަބާ މެދުގައެވެ.

"ގަލްފުގެ ގައުމުތަކުން ބުނަނީ މި ހަނގުރާމަ ފެށުމުގައި އެމީހުންގެ އެއްވެސް ދައުރެއް ނެތް ކަމަށާއި، އީރާނާ ދެކޮޅަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދާއި އަސްކަރީ މަރުކަޒުތައް ބޭނުން ކުރަން ފުރުސަތު ނުދޭނެކަން ކުރިންވެސް ހާމަ ކޮށްފައިވާނެ ކަމަށް،" ފިދާން ވިދާޅުވިއެވެ.

ނަމަވެސް އީރާނުން ހަމަލާ ދެނީ ހަމައެކަނި އަސްކަރީ މަރުކަޒުތަކަށް ނޫން ކަމަށާއި، އިގްތިސާދީ މުހިންމު ތަންތަނާއި އާންމު ރައްޔިތުންނާ ގުޅުންހުރި ތަންތަނަށް ގަސްދުގައި ހަމަލާދެމުންދާ ކަމަށް އެ ގައުމުތަކުން ތުހުމަތު ކުރެއެވެ.

މީގެ ތެރޭގައި ގަތަރުގެ ގޭސް ފެސިލިޓީތަކަށާއި ސައުދީގެ ތެޔޮ ސާފުކުރާ ތަންތަނަށް ދީފައިވާ ހަމަލާތައް ހިމެނެއެވެ.

މި ހާލަތާ ގުޅިގެން ސަރަހައްދުގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން، ސައުދީ އަރަބިއްޔާއިން މިހާރު ވަނީ އެމެރިކާގެ ސިފައިންނަށް ތާއިފްގައި ހުންނަ ކިންގް ފަހުދު އެއާ ބޭސް ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. މިއީ އީރާނުގެ ނުރައްކަލާ ދެކޮޅަށް ގަލްފުގެ ގައުމުތަކުން ގެންގުޅޭ ސިޔާސަތަށް އައި ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، އިސްރާއީލުގެ އުދުވާނާއި އީރާނުން ހަނގުރާމަ ފުޅާކުރަން ކުރާ މަސައްކަތާވެސް ތުރުކީން ދެކޮޅު ކަމަށެވެ. އަދި މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި ޑިޕްލޮމެޓިކް މަގުން ތުރުކީން މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ނުތަނަވަސްކަމުގެ ސަބަބުން ގަލްފުގެ ގައުމުތަކާއި ތުރުކީވިލާތާ ދެމެދު އޮތް އަސްކަރީ އަދި ދިފާއީ އެއްބާރުލުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

ތުރުކީއަކީ މިހާރުވެސް ޑްރޯން ޓެކްނޮލޮޖީ އާއި ހަތިޔާރު އުފެއްދުމުގައި ސައުދީ، ޔޫއޭއީ އަދި މިސްރާއެކު ގާތުން މަސައްކަތް ކުރަމުންދާ ގައުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *