އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ވެއްޖެ: ޚަލީލް

އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ވެއްޖެ: ޚަލީލް

އިޒްރޭލުން ވަނީ ފަލަސްތީނު، އިޒްރޭލް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ވެފައި ކަމަށް ރެާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި، ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބާއްވާ އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ދެއްވި ތަޤްރީރުގައި ޚަލީލު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކުރައްވާ ކަމަށެވެ. އަދި މެދުކެނޑުމެއްނެތި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ރާއްޖެއިން ކުށްވެރި ކުރައްވާ ކަމަށެވެ.

ޚަލީލު ވިދާޅުވީ އަރަބް ލީގު ސަމިޓްގައި ފާސްކުރި ޣައްޒާ އާރާސްތު ކުރުމުގެ މަގުޗާޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަށް ކުރާ ހުރިހާ ކަމެއްގައި ރާއްޖޭގެ އެއްބާރުލުން ލިބޭނެ ކަމަށްވެސް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.

މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅޭ ގޮތަށް އިޒްރޭލުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ބަޔާނެއް ހުށަހަޅާފައި ވާނެކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *