ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅީ މެދު ދައިރާގެ މެންބަރު އަހުމަދު ޒަމީރެވެ. ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޑަބްލިޔުޑީސީ ތަކުގެ ދައުރު އިިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށް، އެ ކޮމިޓީތައް ބާރުވެރި ކުރުވުން ކަމަށެވެ.
މި ބިލުގައި ހިމެނޭ މައިގަނޑު އިސްލާހު ތަކުގެ ތެރޭގައި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށް، ކޮމިޓީތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި ކޮޮމިޓީ ތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީނު ފަދަ ކަންކަން ކައުންސިލު ތަކުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަމަޖައްސައި ދިނުމާބެހޭ އުސޫލުތައް ހިމެނެއެވެ.
ކައުންސިލު ތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން ކޮމިޓީ ތަކުގެ ހަރަކާތްތައް ހިންގުމަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން އެ ފައިސާ ދޫކުރާނެ ގޮތްތަކާއި އެ ފައިސާ ކޮމިޓީ ތަކުން ބޭނުން ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމުގެ އިތުރުން ކޮމިޓީތަކުގެ މެންބަރުންނަަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގެ އުސޫލުތައް ހިމެނުންވެސް މި އިސްލާހު ގެނައުމުގެ ބޭނުން ތަކުގެ ތެރޭގައިި ހިމެނެއެވެ.
ގާނޫނުގެ 6-56 މާއްދާގެ (މ) ގައި މިހާރު ބުނަނީ، އެލްޖީއޭގެ ލަފާގެ މަތިން ޑަބްލިޔުޑީސީގެ މެންބަރުންނަށް ފިނޭންސް މިނިސްޓްރީން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަން ވާނެކަމަށެވެ. ނަމަވެސް ރަމަޟާން މަހުގެ އިނާޔަތުގެ ވާހަކައެއް ގާނޫނަކު ނޯވެއެވެ.
މި މާއްދާއަށް ގެންނަން ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް، އެލްޖީއޭގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެ ކަމަށެވެ. އަދި މި މައްދާގެ (ފ) ގައި ވާގޮތުގެ މަތިން ކޮންމެ އަހަރަކު، ރަމަޟާން މަހުގެ އިނާޔަތް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި މި މާއްދާގެ (ފ) އަށް ގެންނަ އިސްލާހެއްގެ ގޮތުގައި، ޑަބްލިޔުޑީސީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާންމަހުގެ އިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާންް މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.