2024 ވަނަ އަހަރަކީ ދެންވާނީ ކިހިނެއްކަން ނޭނގި ރައްޔިތުން ހާސްކަމުގައި ތިބެންޖެހުނު އަހަރެއް: ޝާހިދު

2024 ވަނަ އަހަރަކީ ދެންވާނީ ކިހިނެއްކަން ނޭނގި ރައްޔިތުން ހާސްކަމުގައި ތިބެންޖެހުނު އަހަރެއް: ޝާހިދު

ނިމިގެން މިދާ 2024 ވަނަ އަހަރަކީ، ދިވެހި ރައްޔިތުންނަށް ނިކަމެތިކަން ގެނުވައި، ދެންވާނީ ކިހިނެތްކަން ނޭނގި ހާސްކަމުގައި ތިބެން ޖެހުނު އަހަރެއް ކަމުގައި އެމްޑީޕީގެ ރައީސް، އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

2024 ވަނަ އަހަރު ނިމި، 2025 ވަނަ އަހަރު ފެށެން ވަގުތު ކައިރިވެފައިވާއިރު، އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ، ޝާހިދު މިއަދު ސޯޝަލް މީޑީޔާގައި ކުރެއްވި ވީޑިޔޯ މެސެޖެއްގައި ވިދާޅުވީ، 2004 ވަނަ އަހަރަށް އަލްވަދާއު ކިޔައި، 2025 އަށް މަރުޙަބާ ކިޔާއިރު ނިމިގެންމިދާ 2024 ވަނަ އަހަރަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ކަމަށެވެ.

"ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރު ކުރުުމުގައި، ދިމާވަމުން ދިޔަ ދަތިތަކާއި ރައްޔިތުންގެ އަސާސީ ޚިދުމަތްތައް، ހޯދުމުގައި ދިމާވަމުންދިޔަ ހުރަސްތަކާއި ގައުމުގެ އިގްތިސޯދާއި ވިޔަފާރިއާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، އެހެނިހެންވެސް އިގްތިސޯދީ ހަރަކާތްތަކަށް އެޅެމުންދިޔަ ހުރަސްތަކާއި ޒުވާނުންނަށް މާޔޫސްކަން ގެނުވާފަދަ ބޮޑެތި ބޮޑެތި ނިންމުންތައް ނިމިގެން ދިޔަކަމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ މުޅި ނިޒާމު ރޫޅިގެން ދާތަން ފެނިގެން ދިޔަކަމާއި، މިހިރަ ކަންތައްތަކަކީ މިދިޔަ އަހަރު ތެރޭގައި އަޅުގަނޑުމެން ތަޖުރިބާ ކުރަންޖެހުނު ކަންކަން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އާ އަހަރަކަށް މަރުޙަބާ ކިޔަންވާނީ އާ އުންމީދު ތަކަކާއެކު ކަމަށެވެ. މާޔޫސްކަމުގެ ތެރޭގައި ތާށިވެ ކަސްތޮޅު އެޅިފައި ތިބެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދިވެހިންނަށް ހައްގު މިންވަރު ހޯދުމަށް ފަސްނުޖެހި މަސައްކަތް ކުރަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަދަށްވުރެ ފެހި ޒަމާނެއް، އަމާން ޒަމާނެއް ރައްޔިތުންނަށް ހޯދުމަށް އަޅުގަނޑުމެން އާ ހިތްވަރަކާއެކުގައި މަސައްކަތް ފަށަންޖެހޭ. އެ ފެހި ޒަމާން، އެ ރޯޝަން ރާއްޖެ، ﷲގެ ހެޔޮ ރަޙްމަތްފުޅާއިއެކު އަޅުގަނޑުމެންނަށް ހޯދޭނެ" ޝާހިދު ވިދާޅުވިއެވެ.

ވީޑިޔޯ މެސެޖު ނިންމަވާލައްވަމުން ޝާހިދު ވިދާޅުވީ، އާ އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިންނަށް ދަންނަވާއިރު، "އެ އުންމީދު، އެ އަޒުމް" އެމަނިކުފާނު އާ ކުރައްވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *