ވައްކަންކުރާ މީހުންނަށް ދައުލަތުގެ މަގާމު ތަކުގައި ތިބެވިގެން ނުވާނެ: ނާޒިމް

ވައްކަންކުރާ މީހުންނަށް ދައުލަތުގެ މަގާމު ތަކުގައި ތިބެވިގެން ނުވާނެ: ނާޒިމް

ވައްކަންކުރާ މީހުންނަށް ދެން ދައުލަތުގެ މަގާމުތަކުގައި ތިބެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ޑީސަލް ގަތުމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އާއެކު ހިންގި މުއާމަލާތް ތަކުން، 28.3 މިލިއަން ރުފިޔާގެ ތެލުގެ ޚިޔާނާތް ތަކެއް، ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކާ މައްސަލަ އާއި، ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ ތިން ޓަވަރު އިމާރާތް ކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ކަންތައްތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޝްވަރާ ކުރައްވަމުންނެވެ.

ކޮރަޕްޝަން ހިންގާ ފަރާތް ތަކަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުން ކުރެވޭނެ މާބޮޑު ކަމެއް ނެތްކަމަށް އެ ކޮމެޓީގެ މުގައްރިރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

"މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަންތައްތައް ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި މިއޮތީ، ބުނެފަ، ދެން އަޅުގަނޑުމެން، މިބޭފުޅުން މިތަނަށް ގެނެސްގެން ސުވާލު ކުރީމާ އޮޑިޓް ރިޕޯޓްގައި އޮތީ ރަނގަޅަށްތޯ ބަލައި ސާފުކޮށްފަ، މަޖިސް ތަޅުމަށް ފޮނުވާފަ ދަންނަވާނީ ސަރުކާރުގައި،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މިކަމާ މަޖިލިސް މެންބަރުން ކިތަންމެ ވާހަކައެއް ދެއްކެވިޔަސް ކުރެވޭނެ ކަމެއް ނޯންނަ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް މީހުން ބަންދެން ނުކުރެވޭނެ މީހުން ހައްޔަރެއްވެސް ނުކުރެވޭނެ، މިތަނަށް ގެނެސްގެން ސުވާލު ކުރެވޭނީ، ޖަވާބު ދިން އެއްޗެއް ފެންނަން އޮންނާނީ." ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވާހަކަތަކާ ގުޅިގެން ނާޒިމް ވިދާޅުވީ، މާލިއްޔަތާބެހޭ ގާނޫނާއި މާލިއްޔަތާބެހޭ ގަވާއިދު އިސްލާހު ކޮށްގެން ނަމަވެސް އެކަން، ކޮރަޕްޝަން ހުއްޓުވަން ޖެހޭ ކަމަށެވެ.

"މިހާރު ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަންވެސް ވައްކަންވެސް މި ކުރަނީ ތިންބުރި ނަނު ކޮޅުން، އެހެންވީމާ ވައްކަންކުރާ މީހުން އެކަން ކުރީމަ ހިފޭނެ ގޮތެއް ނޯވޭ، އަދި އެމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންގޮސްގެން އަދަބެއް ލިބުން މި އޮންނަނީ މާ ދުރުގަ، އެއީ މިދެންނެވި ސަބަބުތަކާހެދި،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެކަންކަމުގައި ކޮމެޓީންވެސް ރައްޔިތުންގެ މަޖިލީހަށްވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެނަށް ހަަމަ ފާޅުގައި ހިޔާނާތްތެރި ވެެފައިވާ ކަމަށް އޮޑިޓް ރިޕޯޓު ތަކުން، މި ފެންނަނީ މިކަންކަމުގަ ޒިންމާވާ މީހުން ދެން ދައުލަތުގެ މަގާމުތަކުގަ، ތިބެގެން ނުވާނެ، އެވަރު އަަޅުގަނޑުމެނަށް ކުރެވެންވާނެ، ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނެސް ހުކުމެއް ނުކުރެވިދާނެ، ނަމަވެސް ރޯމާ ދުވާލު ވައްކަންކުރާ މީހުން ދެން ދައުލަތުގެ މަގާމެއްގައި ތިބެގެން ނުވާނެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެކަން ކުރެވޭނީ ކޮން ގާނޫނަކަށް އިސްލާހު ގެނެސްގެންތޯ ބަލައިގެން އެކަން ކުރަންޖެހޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *