މުސާރަ ނުލިބޭ ކަމަށްބުނެ މުލިއާގެ ކައިރިއަށް އެއްވެ މިއަދު މުޒާހަރާކުރި 55 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީން ތަކެއް މުލިއާގެއާ ހިސާބުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުން އެތަނަށް ދިޔަ ކަމަށެވެ. އަދި މި މައްސަލައިގައި އެ ސަރަޙައްދަށް އެއްވި ބިދޭސީން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ އިންޑިޔާގެ 38 މީހުންނާއި ބަންގްލަދޭޝަށް ނިސްބަތްވާ 17 މީހުން ކަމަށާއި، އެ އެންމެން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ބިދޭސީން ރާއްޖެ ގެނައުމަށް ފަހު މަސައްކަތް ކުރުވައި، މުސާރަ ނުދޭ މައްސަލައަކީ އާންމު މައްސަލައެކެވެ. އެފަދަ މައްސަލަތަކުގައި މީގެކުރިންވެސް ބިދޭސީން އެއްވުންތައް ބާއްވައި މުޒާހަރާ ކޮށްފައިވެއެވެ.