ހދ. ހަނިމާދޫ އެއާޕޯޓް ނިމޭއިރަށް އެ ސަރަހައްދުގައި 4،000 ޓޫރިސްޓް އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ހދ. އަތޮޅުގައި ޓޫރިޒަމް ގެ ހަރަކާތްތައް އެކަށީގެންވާ ގޮތަށް ފެށިފައިނުވާތީ، އެކަން ހައްލު ކުރުމަށް، ކުރީގެ ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަމުގައި ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ނިމެންވާ އިރަށް، އެ އަތޮޅުގައި ޓޫރިސްޓް ބެޑް އިތުރުކުރުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް އޮޅުން ފިލުވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ހަނިމާދޫ އާޕޯޓް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމައިލެވޭވަރުވާނެ ކަމަށެވެ. އެހާތަނަށް ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމަށް ރަށްތައް ކުއްޔަށް ދޫކުރުމަށް މި ސަރުކާރުން ފުރަތަމަ ހުޅުވައިލި ފުރުސަތުގައި ވައިކަރަ މުރައިދޫގެ 15 ހެކްޓަރު ޓޫރިޒަމަށް ހުޅުވާލައި، އެތަން ޓޫރިޒަމް މިނިސްޓްރީގެ އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކޮށް މިހާރު އެވޯޑު ކުރެވިފައިވާ ކަމަށެވެ.
ޓޫރިޒަމްގެ ބޭނުމަށް އެ އަތޮޅުގައި ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ 460 އެނދު ކަމަށާއި އެ އަތޮޅުގެ އިތުރު ތިން ތަނެއް ޓޫރިޒަމަށް ތަރައްގީ ކޮށް ޖުމްލަ 1800 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރަން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ދަށުން މިދިޔަ ފެބްރުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި އެ އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރެވޭނެ ގޮތަށް ފާހަގަ ކުރެވިފައިވާ ރަށްތަކާ ބެހޭ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ފަހުން ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދިއްލީ އާއި މުންބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ވެސް އެ އަތޮޅުގައި ހުރި މުހިއްމު ރަށްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަންނަ އަހަރު ސިންގަޕޫރާއި ދުބާއީ އާއި ތައިލެންޑް އަދި އިންޑިއާގައި އިންވެސްޓާސް ފޯރަމްތައް ބާއްވާނެ ކަމަށާއި އެ ތަންތަނުގައި ވެސް އެ ކަންކަމާބެހޭ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.