އާދަމް ހަލީމްގެ މަރު: ސަމާހު ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

އާދަމް ހަލީމްގެ މަރު: ސަމާހު ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ޕޮލިސް ސާޖަންޓް ކ. ކާށިދޫ/ ކެތި، އާދަމް ހަލީމް މަރާލި މައްސަލައިގައި ކުރިމިނަލް ކޯޓުން މަރުގެ ހުކުމް ކުރި، ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހު ބަންދު ކުރުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

ކާށިދޫގައި ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފައިވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ހަލީމު މަރާލި ކަމަށް ކުށް ސާބިތުވެ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 25 ޖެނުއަރީ 2013 ގައެވެ. އެ މައްސަލައިގެ އިސްތިއުނާފުގައި ހައިކޯޓުން އެ ހުކުމަށް ތާއީދު ކޮށްފައިވަނީ 30 ސެޕްޓެމްބަރު 2020 ގައެވެ.

އެ ދެ ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ ގޯސްކޮށް ކަމަށް ބުނެ ސަމާހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އެ އިސްތިއުނާފުގެ މައްސަލަ ބަލައި، މިދިޔަ އަންގާރަދުވަހު ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ، ސަމާހު މަރަން ކުރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލައިގައި އިތުރު ހެކިން ހުށަހެޅުމަށް ފުރުސަތު ދިނުމަށްޓަކައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާލުމަށެވެ.

ހުކުމް އިއްވަވަމުން ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދު ވިދާޅުވީ، މި މައްސަލައިގައި ސަމާހަށް އަނިޔާކުރިކަން އެނގޭ ހެކިން ތިބި ކަމަށާއި އެ ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ސަމާހުގެ ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި އެފަދަ ހެކިން ތިބި ނަމަ އެ ހެކިން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު ސަމާހުއަށް ދިނުމަށް ކުރިމިނަލް ކޯޓަށް އަންގަން ފެންނަ ކަމަށް ވިދާޅުވިއެވެ.

އެހެންވެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ މި މައްސަލައިގައި ސަމާހުގެ ބަޔާނުގެ އިތުރުން މިނިވަން މުސްތަގިއްލު ހެތްކާއި ގަރީނާ ހުށަހެޅުމަށް ޕްރޮސިކިއުޝަނަށް ފުރުތު ދިނުމަށްފަހު، މި މައްސަލައިގައި ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށެވެ.

އެ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ސަމާހުގެ ބަންދާމެދު އަލުން އަލުން ގޮތެއް ކަނޑައެޅުމަށް އެދި ލަސްނުކޮށް ކުރިމިނަލް ކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް އަމުރު ކޮށްފައެވެ. އަދި ސަމާހުގެ ބަންދާމެދު ކުރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *