ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށައި، އެތަކެތީގެ ވަގުތީ ބަރުދަނަކީ 86.26 ގްރާމް ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން 293000 ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރުގެ އިތުރުން ޔޫރޯ ފެނިފައިވެއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ، ޅ. ހިންނަވަރު / އަގީދުގެ، ހުސެއިން އީސާ ފުޅު (48އ)، އާއި މިދިލިމާގެ، އަހްމަދު މުހައްމަދު (36އ)، އާއި ފެހިގެ، މުހައްމަދު އިރުޝާދު (35އ) އާއި ޅ. ނައިފަރު / ޑޭޒީހިޔާ، އަބްދުﷲ ޒަކަރިއްޔާ (46އ)، އާއި އދ. މަހިބަދޫ / ކުޅިބަލާގެ، ފާތިމަތު ރީމާ (44އ) އެވެ.
މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅާއި އަހްމަދު މުހައްމަދު ހަތްދުވަހަށް، އަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާތިމަތުު ރީމާ 12 ދުވަހަށް އަދި މުހައްމަދު އިރުޝާދު ތިންދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.