ނައުއްޓެގެ މަރު: ހެކިންނަށް ބިރު ދައްކަފާނެތީ ހެކިންނަށް ރައްކާތެރިކަން ދޭން އަންގައިފި

ނައުއްޓެގެ މަރު: ހެކިންނަށް ބިރު ދައްކަފާނެތީ ހެކިންނަށް ރައްކާތެރިކަން ދޭން އަންގައިފި

މިދިޔަ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު މާފަންނު ކްރާސާ ފިހާރަ ތެރޭގައި ވަޅި ހަރައި ސ. ހިތަދޫ/ އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މަރާލި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިން ސިއްރުކޮށް އެމީހުންނަށް ރައްކާތެރިކަން ދިނުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

ނައުއްޓެ މަރައިލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށްވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ މަރުގެ އަދަބެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ. މި މައްްސަލައިގައި އެ ދެމީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކިންގެ ގޮތުގައި ހަތް މީހެއްގެނަން ދައުލަތުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.

އެމީހުންގެ ހެކިބަސް ކުރިއަށް ގެންދަން ދައުލަތުން އެދިފައި ވަނީ، ކާކުކަން ނޭނގޭ ގޮތަށް އޮންލައިންކޮށް ޝަރީއަތުގެ މަޖިލިސް ނޫން ތަނެއްގައި ބައިތިއްބައިގެންނެވެ. މީގެއިތުރުން ފުލުހުންގެ ތަހުގީގު ރިޕޯޓް ދިފާއަށް ދޫކުރާއިރު އެ ރިޕޯޓުންވެސް، އެ ހަތް ހެކިވެރިންގެ ބަޔާންތައް އުނިކުރުމަށް ވެސް ދައުލަތުން އެދުނެވެ.

އެ ހުށަހެޅުން ތަކާއި ގުޅިގެން ދައުލަތުން އެދޭގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ކޯޓުން ވަނީ ނެރެފައެވެ. އެގޮތަށް އަމުރު ނެރުއްވި ސަބަބެއް ކަމަށް މި މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ ގާޒީ އައިޝަތު ނުޒުހާ ވިދާޅުވީ، ހެކިވެރިންނަށް ބިރު ދެއްކުމާއި ޖިސްމާނީ އަނިޔާއެއް ދިނުމުގެ އިހުތިމާލު އޮތް ކަމަށް ޝަރީއަތަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *