ޚަރަދު ކުޑަ ކުރަން އެމްއޭސީއެލުން 10 ފިޔަވަޅެއް އަޅަން ނިންމައިފި

ޚަރަދު ކުޑަ ކުރަން އެމްއޭސީއެލުން 10 ފިޔަވަޅެއް އަޅަން ނިންމައިފި

ސަރުކާރުގެ ޚަރަދު ކުޑަކޮށް ގެންނަ މާލީ އިސްލާހު ތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 10 ފިޔަވަޅެއް އަޅަން ނިންމައިފިއެވެ.

އެމްއޭސީއެލްގެ ޚަރަދު ކުޑަކުރުމަށް ކުރިޔަށް ގެންދަން ރާވާފައި ހުރި ކަންކަމާގުޅޭ މައުލޫމާތު ދިނުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ސަރުކާރުގެ ކުންފުނި ތަކުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން އެކުންފުނިންވެސް ގިނަ ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން އެ ފަދަ މުހިންމު ނިންމުންތައް ނިންމާއިރު، އެމްއޭސީއެލްގެ ޓީމުން ރައްޔިތުންނަށް އެކަންކަން އަންގައިދިނުން މުހިންމު ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ފިޔަވަޅު ކާމިޔާބުވުމަށް ވަރަށް މުހިންމު ނިންމުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ސަރުކާރުގެ ފަރާތުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅު ތަކެއް އެކަށައަޅުއްވައި. މި ސިޔާސަތުގެ ދަށުން އަޅުގަނޑުމެން (އެމްއޭސީއެލް) ކަހަލަ ބޮޑެތި ކުންފުނި ތަކުން އެއަށް ފޮލޯ ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެހެން ކަމުން އެ ފަދަ މުހިންމު ނިންމުންތައް ނިންމާއިރު އެމްއޭސީއެލްގެ ޓީމުން ރައްޔިތުންނަށް އެކަންކަން އަންގައިދިނުން މުހިންމު. އެމްއޭސީއެލަކީ 4000 ވުރެއިން ގިނަ މުވައްޒަފުން އުޅޭ ވަރަށް ތަފާތު ޑައިވާސް މަސައްކަތްތަކެއް ކުރާ ކުންފުންޏެއް،" ޝަރީފް ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމަށް ނިންމި ނަމަވެސް އާޓާމިނަލް ހުޅުވުމަށް އެއްވެސް ހުރަހެއް ނާންނާނެ ކަމަށާއި އަދި މުވައްޒަފުންގެ މުސާރައަށް ނުވަތަ މިހާރު ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ވިސްނުމެއް ވެސް ނުގެންގުޅޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"10 އާއި 20 ދެމެދުގެ އިންސައްތައެއް މަދު ކުރާނީ ޖުމްލަ. ހުރިހާ އެއްޗެއް އެއްކޮށްލައިގެން. އަޅުގަނޑުމެން މުވައްޒަފުންނެއް ނުކަނޑާނަން. މުވައްޒަފުންގެ މުސާރައެއް ކުޑަ ނުކުރާނަން. އަޅުގަނޑުމެންގެ މުވައްޒަފުންނަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ބައެއް،" ޝަރީފް ވިދާޅުވިއެވެ.

ޚަރަދުތައް ކުޑަ ކުރަން އަޅާ ފިޔަވަޅުތައް:

ތެލަށް ކުރާ ޚަރަދު

ކޮންސިއުމަބަލްސްއަށް ކުރާ ޚަރަދު

ފެނާއި ކަރަންޓަށް ކުރާ ޚަރަދު

ދަތުރުފަތުރު ކުރުމަށް ކުރާ ޚަރަދު

ކުންފުނީގެ އެތެރޭގެ މަސައްކަތްތަކަށް ކުރާ ޚަރަދު

ބެންކް ޗާޖަސް ރެޑިއުސް ކުރުމަށް ކުރާ ޚަރަދު

ކޮމިއުނިކޭޝަންއަށް ކުރާ ޚަރަދު

އެތެރޭގެ އިންވެންޓްރީއަށް ކުރާ ޚަރަދު

އިވެންޓުތައް ބާއްވަން ކުރާ ޚަރަދު

އޭގެ އިތުރުންވެސް އެ ކުންފުނީގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ޓްރޭނިންތަކަށް ފޮނުވުމުގެ ބަދަލުގައި ރާއްޖެއަށް ޓްރޭނަރުން ގެނެސް، މުވައްޒަފުން ޓްރޭން ކުރުމާއި އެ ކުންފުނިން ކުރާ މަތީފަންތީގެ ދަތުރުތައް ކުޑަކުރުންވެސް އެމްއޭސީއެލުގެ ކުރިޔަށް އޮތް ދުވަސްތަކުގައި މަދު ކުރަން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *