241 ކޮމިޓީއަށް ހޯމް މިނިސްޓަރު ޙާޒިރު ކުރަން ނިންމައިފި

241 ކޮމިޓީއަށް ހޯމް މިނިސްޓަރު ޙާޒިރު ކުރަން ނިންމައިފި

ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތަކާމެދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާބެހޭ މައުލޫމާތު އޮޅުން ފިލުވުމަަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު އިހްސާން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހަޅުއްވަމުން، މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އަދި އެކަމާ ގުޅިގެން ވަރަށް ގިނަ ކަންކަން ކޮށްދޭނެ ކަމަށް މިސަރުކާރުން ބުނެފައިވާ ކަމަށެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާރު ހަ މަހަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު، ބުނި ކަންތައްތައް ކިހާވަރަކަށް ކުރެވިފައިވޭތޯ ބަލަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އެގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައް ތަކުގެ ތެރެއިން ބޮޑުވެފައިވާ ބިދޭސީންގެ މައްސަލައިގައި ކަންތައް ކުރަމުންދާ ގޮތާއި، ކޮންޓްރޯލެއް ނެތި ހިނގަމުންދާ ޑްރަގް ވިޔަފާރީގެ ކަންތައްތަކުގައި އަޅަމުންދާ ފިޔަވަޅު ތަކާއި ވައްކަމުގެ މައްސަލަތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް ނާޒިމް ފާހަގަ ކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ މީހުން ނޫޅޭ ތަންތަނަށް ވަދެ ޑްރަގް ބޭނުންކޮށް، އޯވަޑޯޒް ވެގެން ބައެއް މީހުން މަރުވުމުގެ ހާދިސާތައް ހިނގާފައިވާ އިރު، ވައްކަން ކޮށްގެން ގެންދާ ތަކެތި ގަނެވިއްކުމުގެ މާކެޓެއް އުފެދިފައިވާ ކަމަށެވެ. އެހެން ކަމުން މާލޭގައި ބައެއް ވިޔަފާރިތައް ކުރުމުގެ ހުއްދަ ނުދޭން މާލޭ ސިޓީ ކައުންސިލަށް ލާޒިމް ކުރަންޖެހޭ ކަމަށެވެ.

ނާޒިމްގެ ހުށަހެޅުއްވުމަށް ކޮމިޓީގެ ގިނަ މެންބަރުން ތާއީދުކޮށް، މިނިސްޓަރު އިހްސާން ކޮމިޓީއަށް ހާޒިރު ކުރަން ފާސް ކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *