ރައްޔިތުން ހިތި ބޭހެއް ބޯން ޖެހޭނަމަ ސަރުކާރުން އެކަން ހާމަ ކުރަންޖެހޭ: ނާޒިމް

ރައްޔިތުން ހިތި ބޭހެއް ބޯން ޖެހޭނަމަ ސަރުކާރުން އެކަން ހާމަ ކުރަންޖެހޭ: ނާޒިމް

ރާއްޖޭގެ އިގްތިސޯދީ ހާލަތު މިވަގުތު އޮތް ގޮތުގެ ސަބަބުން ރައްޔިތުން ހިތި ބޭހެއް ބޯން ޖެހޭނަމަ ސަރުކާރުން އެކަން ހާމަ ކުރަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އިގްތިސޯދީ ހާލަތު މިވަގުތު އޮތްގޮތް ސަރުކާރުން، ރައްޔިތުންނަށް ހާމަ ނުކޮށްދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ. މިހާރު އިންތިހާބީ މޫސުންވެސް ނިމިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެހެންވީމާ  އަޅުގަނޑުމެންވެސް ހިތިބޭސް ސިޓީއެއް އޮތިއްޔާ އެވެސް އެނގެން ވިއްޔޭ އަޅުގަނޑުމެންނަށް" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ކަންކަން ހަމަޔަކަށް އެޅުވުމަށް ސްރީލަންކާއިން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށެވެ. ސްރިލަންކާ ބަނގޫރޫޓު ވެގެން ދިޔައިރުވެސް އެ ގައުމުގެ ސަރުކާރުން ބުނަމުން ދިޔައީ އިގްތިސޯދު ރަނގަޅު ކަމަށާއި ބޮޑު ގައުމެއްގެ އެހީ ލިބޭނެ ކަމަށެވެ. ނަމަވެސް އެ ބުނާ ބޮޑު ގަައުމަކުން ސްރީލަންކާއަށް އެހީވެފައިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އިގުތިސާދެއްގެ އަސާސީ ކަންތައްތައް ރަނގަޅު ނޫން ކަމަށް ވަންޏާ އެމީހުން ވެސް ބުނަނީ އެއީ ހަމަ ރާބޯ މީހަކަށް ލާރި ދިނުން ކަހަލަ ކަމެކޭ، ހަމަ ލާރިކޮޅު ދޭއިރަށް ގޮސް ބޯލާނެޔޭ، އަނެއްދުވަހު ވެސް ލާރި ބަލައި، އެހެން ނޫންތޯ؟“ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރު ކަމުން އަރައިގަންނަންވެސް ސައުދީއަރަބިއްޔާ ފަދަ ގައުމު ތަކުން މާލީ އެހީ ނުދިނީ ހަމަ އެ ސަބަބާ ހެދި ކަމަށެވެ. ބަދަލުގައި ސައުދީ ފަދަ ގައުމު ތަކުން އެދުނީ އައިއެމްއެފް ނުވަތަ ވޯލްްޑް ބޭންކުން ގަބޫލު ކުރާ އިގުތިސާދީ އަސާސް ތަކަށް ޕާކިސްތާނުގެ އިގުތިސާދު ފެއްތުމަށް ކަމަށެވެ.

"އެގޮތުން ޕާކިސްތާނުގެ މައި މަރުކަޒީ ބޭންކުގައި މިހާރުވެސް ސައުދީން ތިން ބިލިއަން ޑޮލަރު ޑިޕޮސިޓުގެ ގޮތުގައި ބަހައްޓައި ދީފައި ހުރީ ވޯލްޑު ބޭންކާއި އައިއެމްއެފުން "ބޯން ބުނި ހިތި ބޭސް ބޯން އެއްބަސްވީމަ،" ނާޒިމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އަދިވެސް އަހަރެމެން ނިކަމެތި ރައްޔިތުންތަ ހިތި ބޭސް ބޯންވީ. ކަލޭމެން މަޖިލިސް މެމްބަރުން ބޮޑު މުސާރަ ނަގައިގެން މީރު ބޭސް ބޯން ތިބެންވީ. ކީކޭ ދެން ބުނާނީ. މި މީހުން އަރާމުގަ އުޅެފަ ރައްޔިތުންނަށް ހިތި ބޭސް ދެވޭތޯ އުޅެނީ

Leave a Reply

Your email address will not be published. Required fields are marked *