އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

އައްޑޫގެ ފެނުގެ މައްސަލަ: ޙައްލު ކުރާނެ މީހުންނާއި ސާމާނު ނެތަސް، އިށީންނާނެ ގޮނޑި ނެތް ވެރިން އެބަތިބި: ނާޒިލް

އައްޑޫގެ ފެނުގެ މައްސަލަ: ޙައްލު ކުރާނެ މީހުންނާއި ސާމާނު ނެތަސް، އިށީންނާނެ ގޮނޑި ނެތް ވެރިން އެބަތިބި: ނާޒިލް

އައްޑޫ ސިޓީގެ ހިތަދޫއާ ގުޅިފައިވާ ރަށްރަށަށް ސާފު ފެން ލިބުން މެދުކެނޑިފައި ވާއިރު، އެކި ފެންވަރުގެ ގިނަ އަދަދެއްގެ ވެރިން، އައްޑޫ ފެނަކައިގައި ތިބި ނަމަވެސް، އެ މައްސަލަ ހައްލު ކުރަން ބޭނުންވާ ސާމާނާއި ޓެކްނީޝަނުން ނެތް ކަމަށް އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ހިތަދޫއާ ގުޅިފައިވާ ރަށްރަށަށް ސާފު ފެން ލިބުން ހުއްޓިފައިވާ މައްސަލަ ވަގުތުން ވަގުތައް ހައްލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖލީހުގެ ޖަލްސާއަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ، އާބާދީގައި 28،000 މީހުން ދިރިއުޅޭއިރު، ޤަވާއިދުން އެތަނަށް ސާފު ފެން ނުލިބޭތާ ދެމަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ހައްލު ނުވެގެން އުޅެނީ އެކަމަށް ބޭނުންވާ ޓެކްނީޝަނުންނާއި ސްޕެއާޕާޓްސް ނެތުމުން ކަމަށް ފެނަކައިން ބުނާ ކަމަށެވެ. ނަމަވެސް އެކި ވަރުގެ ވެރިން ގިނަ އަދަދަކަށް އެކުންފުނީގައި ތިބި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވެރިން އެބަލެވޭ، މެނޭޖަރުން އެބަލެވޭ، އެސިސްޓެންޑް މެނޭޖަރުންގެ ހަތް މީހުން އެބަތިބި، ޑިރެކްޓަރުން 10 މީހުން، އެސިސްޑެންޓް ޑިރެކްޓަރުންގެ 12 މީހުން އެބަތިބި، އެކަމަކު ޓެކްނީޝަނަކު ނެތް. ކަމެއް ދިމާވީމަ ހައްލު ކޮށްދެވޭނެ މީހަކު ނެތް. ހައްތާވެސް ތިބީ މެނޭޖަރުން، ވެރިން ތިއްބެވީ އިށީންނާނެ ގޮނޑި ނެތަސް، ޚިދުމަތެއް ދޭން ބަލާއިރު ވެރިންތޯ ބޭނުން ވަނީ، ޚިދުމަތް ދެވޭނެ ގޮތްތޯ ބޭނުން ވަނީ. ބަލަންޖެހޭ،" ނާޒިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކަންތައް އޮތް ގޮތުން ސާފު ފެން ހޯދަން ރައްޔިތުން ގިނަ މަސައްކަތް ތަކެއް ކުރަންޖެހޭ ކަމަށެވެ. އެކަމާ ގުޅިގެން ޚިދުމަތް ނުލިބި ރައްޔިތުންނަށް ޖެހެނީ ބިލްތައް ދައްކަން ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ހަދަން ޖެހޭ ގޮތަކީ، އިސްކުރު ދޫކޮށްފައި އިސްކުރު ދަށުގައި ފެން ނަގަން ބާލިދީއެއް ބަހައްޓަން ޖެހެނީ. ނަމަވެސް ފެން އަންނާނެ އިރެއް ނޭނގޭ. އެހެން ހުއްޓާ މީހަކު ނެތް ގަޑިއެއްގައިވެސް ފެން އަތުވެދާނެ. ދެން ވާގޮތަކީ ބާލިދީ ފުރިގެން ފެންތައް ވޭސްޓް ވަނީ. އެހެންވީމާ ބައިގަޑިއިރުގެ ތެރޭގައި މަސް ދުވަހަށް އެގޭބިސީގެ މީހުން ބޭނުންކުރާ އަދަދަށްވެސް ފެން ވޭސްޓު ވެގެންދޭ. ނަމަވެސް ބިލަށް ފައިސާ ދައްކަންޖެހޭ، އެހެން ކަމުން ނުލިބޭ ޚިދުމަތަކަށް ފައިސާ މި ނަގަނީ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކާއި ގެސްޓް ހައުސް ހިންގާ މީހުންނަށްވެސް ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެފައި ވަނީ، ޖަލްސާގައި ތިއްބެވި 86 މެންބަރުންގެ ތެރެއިން 83 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *