ޕީއެންއެފްގެ ޝުކުރު އަސްލަމަށް: ތިޔަކޮށްދިން މަސައްކަތް ހެޔޮހިތުން ބަލައިގަންނަން

ޕީއެންއެފްގެ ޝުކުރު އަސްލަމަށް: ތިޔަކޮށްދިން މަސައްކަތް ހެޔޮހިތުން ބަލައިގަންނަން

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރުމާއީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުގެ ސަބަބުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑު އެހުންތަށް ނިމިފައިވީ ނަމަވެސް، ހައި ކޯޓުން އެ މައްސަލައިގައި ހުކުމް ކުރުން ލަސްވާ މައްސަލަ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށަހެޅުއްވުމުން، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އަސްލަމަށް ޝުކުރު އަދާކޮށްފިއެވެ.

ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ  ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަނީ ޔާމީން، ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ހުރަސް އަޅުއްވާފައި ކަމަށެވެ. އަދި ޔާމީންގެ މިނިވަން ކުރުމަށް ރައީސް މުއިއްޒު، އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް މަލީހު ވިދާޅުވިއެވެ.

"މަޖިލިސް ރައީސް އަސްލަމް އެކަމާ (ޔާމީންގެ ޝަރީއަތް) ކަންކަމުގައި އުޅޭތީ، އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވަން އަސްލަމް އެކަން ޖޭއެސްސީއަށް ހުށަހެޅުއްވީތީ. އަޅުގަނޑުމެން ހެޔޮހިތުން ބަލައިގަންނަން އެކަން" ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މަލީހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީ އިން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި އަސްލަމް ވިދާޅުވެފައި ވަނީ ޔާމީންގެ ޝަރީއަތް ނުބާއްވައި ގިނަ ދުވަސް ވުމުން ސަރުކާރުން ކޯޓު ތަކަށް ނުފޫޒު ފޯރުވާކަން ސާފުވާ ކަމަށެވެ. ޔާމީންގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައި ވަނީ މީގެ ހަތަރު މަސް ކުރިން ކަމަށް އަސްލަމް ވިދާޅުވެފައިވެއެވެ.

"ހަތަރު މަސް ވެގެން ދިޔައިރު ހަމައެކަނި ހުކުމް އިއްވާނުލެވިފައި އޮތީ. އެހެންވީމަ ސަރުކާރުން މިކަމަށް އަތް ބާނާ މިންވަރު މި ފެންނަނީ. ވަރަށް ބޮޑު ތުހުމަތެއް އެބަ އޮވޭ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސް ވެގެންދާ ސަބަބު ޖޭއެސްސީ އިން ބެލުމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ މާދަމާ (މިއަދު) މައްސަލަ ލާނަމޭ،" އަސްލަމް ވިދާޅުވެފައިވެއެވެ.

އަސްލަމް ވިދާޅުވެފައި ވަނީ ވަކި ރައީސަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން ބަލަައިނުގަންނާނެ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ކުރީގެ ރައީސުންނަށް ދޭންޖެހޭ އިޙްތިރާމް ދޭންވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *