އެމެރިކާގެ ޓެނެސީ ސްޓޭޓްގައި މަރުގެ އަދަބު ތަންފީޒު ކުރަން އުޅުނު ކްރިސްޓާ ޕައިކް ނަމަކަށް ކިޔާ އަންހެނަކަށް ނުރައްކާތެރި އިންޖެކްޝަން ދީގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާގައި މަރުގެ އަދަބު ދިނުމަށް ބޭނުންކުރާ ވަސީލަތްތަކާ މެދު އަލުން ބޮޑު ބަހުސެއް ފެށިއްޖެއެވެ.
މާހިރުން ބުނާ ގޮތުގައި، ލީތަލް އިންޖެކްޝަން (ނުރައްކާތެރި ކެމިކަލް އިންޖެކްޝަން) އަކީ އިންސާނީ ގޮތުން އެންމެ ތަދުކުޑަކޮށް އަދަބު ދެވޭނެ ގޮތް ކަމަށް ބެލެވުނު ނަމަވެސް، މިއީ އެމެރިކާގައި އެންމެ ގިނައިން ނުބައިކޮށް ހިނގާ އަދި ނާކާމިޔާބުވާ މަރުގެ އަދަބު ދިނުމުގެ ވަސީލަތެވެ.
ކްލާސްމޭޓަކު މަރާލި ކުށުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ޕައިކް މަރާލުމަށް ސެޕްޓެމްބަރު 30 ގައި "ޕެންޓޯބާބިޓާލް" ގެ ދެ ޑޯޒް ދިން ނަމަވެސް އޭނާ މަރުވެފައެއް ނުވެއެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި އިންޖެކްޝަން ދިނުމަށްފަހުވެސް އޭނާ ނޭވާލައި، އަދި ހަށިގަނޑު ހަރަކާތްކުރިއެވެ. އޭގެ ފަހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޮކްޓޯބަރު 6 ގައި އޭނާއަށް ހޭވެރިކަން އައިސްފައިވާ ކަމަށް ވަކީލުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ޓެނެސީގެ ގަވަރނަރު ބިލް ލީ ވަނީ އެ ސްޓޭޓްގައި މަރުގެ އަދަބު ތަންފީޒުކުރުން ވަގުތީގޮތުން ހުއްޓުވައި، މިކަން ހިނގި ގޮތް ތިންވަނަ ފަރާތަކުން މިނިވަންކޮށް ތަހުގީގުކުރުމަށް އަންގަވާފައެވެ. މިއީ މިއަހަރުގެ ތެރޭގައި ޓެނެސީގައި އިންޖެކްޝަން ދީގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅެ ނާކާމިޔާބުވި ދެވަނަ ފަހަރެވެ.
ޑެތް ޕެނަލްޓީ އިންފޮމޭޝަން ސެންޓަރުގެ އެގްޒެކެޓިވް ޑިރެކްޓަރު ރޮބިން މޭހަރ ވިދާޅުވި ގޮތުގައި، މިއީ މަރުގެ އަދަބު ދިނުމުގައި ހެދޭ ގޯސްތަކާ މެދު ފުންކޮށް ވިސްނައި، މި ވަސީލަތައިގެން ކުރިއަށްދާނެ ގޮތަކާމެދު ގޮތްތަކެއް ނިންމަންވީ ވަގުތެވެ.
އެމެރިކާގައި 1890 އިން 2010 އަށް ހިންގާފައިވާ މަރުގެ އަދަބުތަކުގެ ދިރާސާއަކުން ދައްކާ ގޮތުގައި، އިންޖެކްޝަން ދީގެން މަރުގެ އަދަބު ދިނުމުގައި ގޯސްތައް ހެދޭ މިންވަރު އެހެން އެއްވެސް ވަސީލަތަކަށްވުރެ ދެގުނަ އިތުރެވެ. 2022 އިން ފެށިގެން ޓެނެސީ، އައިޑަހޯ، އަލަބާމާ، އެރިޒޯނާ، ޓެކްސަސް އަދި އޮކްލަހޯމާ ފަދަ ސްޓޭޓްތަކުގައި މަރުގެ އަދަބު ދިނުމުގައި ބޮޑެތި މައްސަލަތަކެއް ވަނީ ދިމާވެފައެވެ.
މިކަމަށް ދިމާވާ އެކިއެކި ސަބަބުތައް އެބަހުއްޓެވެ. މިގޮތުން ސިއްޙީ ބޮޑެތި ޖަމްޢިއްޔާތަކުން މީހުން މެރުމުގެ އަމަލުތަކުގައި ބައިވެރިވުން މަނާކޮށްފައިވާތީ، ޖަލުތަކުގައި މިކަން ކުރަނީ އެކަށީގެންވާ ތަމްރީނު ނެތް މުވައްޒަފުންނެވެ. އަދި ބޭސް އުފައްދާ ކުންފުނިތަކުން މަރުގެ އަދަބަށް ބޭސް ދިނުން މަނާކުރުމުން، ސްޓޭޓްތަކުން ބޭނުންކުރަނީ އާންމުކޮށް ފެންވަރު ބަލާފައިނުވާ ނުވަތަ މުއްދަތު ހަމަވާން ގާތްވެފައިވާ ބޭސްތަކެވެ.
ކްރިސްޓާ ޕައިކްގެ ވަކީލުން ބުނި ގޮތުގައި އޭނާގެ ނާރުތައް ކުޑަވުމާއި ލޭގެ މައްސަލައެއް ހުރުމުން އިންޖެކްޝަން ދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އިންޖެކްޝަނަށްފަހު އޭނާގެ އަތް ދުޅަވެ، ފިހިފައިވާ ކަމުގެ ނިޝާންތައް ހުއްޓެވެ. މިއީ ބޭސް ސީދާ ލޭނާރުގެ ތެރެއަށް ނުގޮސް މަސްގަނޑުގެ ތެރެއަށް ފެތުރުމުން ދިމާވި ކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ.
1982 ގައި ޓެކްސަސްގައި ފުރަތަމަ ފަހަރަށް ލީތަލް އިންޖެކްޝަން ބޭނުންކުރަން ފެށީ، ކުރިން ބޭނުންކުރި ކަރަންޓު ގޮނޑި އާއި ދަންޖެއްސުން ފަދަ "އަނިޔާވެރި" ވަސީލަތްތަކުގެ ބަދަލުގައި އިންސާނީ ގޮތުން ރަނގަޅު ގޮތެއްގެ ގޮތުގައެވެ.
އެމެރިކާގައި މަރުގެ އަދަބު ދޭ 29 ސްޓޭޓްގެ ތެރެއިން 28 ސްޓޭޓެއްގައި މައިގަނޑު ވަސީލަތަކީ ލީތަލް އިންޖެކްޝަނެވެ. 2025 ވަނަ އަހަރު އެމެރިކާގައި 39 މީހުން އިންޖެކްޝަން ދީގެން މަރާލާފައިވާއިރު، ނުރައްކާތެރި ގޭސް ބޭނުންކޮށްގެން 5 މީހުން އަދި ބަޑިޖަހައިގެން 3 މީހުންނަށް ވަނީ މަރުގެ އަދަބު ދީފައެވެ.






