އޮފީހަކުން 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

އޮފީހަކުން 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި އޮފީހަކުން 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނާގޮތުގައި، މިދިޔަ ބުދަ ދުވަހު ހުށަހެޅުނު މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ރ. މަޑުއްވަރީ ފުއްޓަރު އަހުމަދު ނާޒިމާއި، އެރަށު މުޝްތަރީގޭ ހުސެއިން ސޮބާހާއި، އެރަށު ސްޓާލައިން އާއިޝަތު ނަޝާޔާއެވެ. ނާޒިމް ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި، ބާކީ ދެ މީހުން ހައްޔަރުކުރީ އިއްޔެއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ނާޒިމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރެވުނެވެ. ސޮބާހުގެ ބަންދަށް 30 ދުވަހާއި، ނަޝާޔާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދެވިފައިވެއެވެ.

މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖްތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަތުމަށްފަހު، ފުލުހުން އެ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރިއެވެ. އެ ތަންތަން ފާސްކުރިއިރު އެއް މިލިއަނަށްވުރެ ގިނަ ރުފިޔާއާއި 8,845 އެމެރިކާ ޑޮލަރު (136,000 ރުފިޔާ) ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ތަހުގީގުން މިހާތަނަށް ބެލިއިރު، އެ އޮފީހުން 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި 11,470 އެމެރިކާ ޑޮލަރު (170,000 ރުފިޔާއަށްވުރެ ގިނަ) ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ނަމަވެސް ވައްކަންކުރީ ކޮން އޮފީހަކުން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *