40 ފްލެޓަކުން 1.2 ލައްކަ ރުޕީސްގެ އަގުހުރި ބޫޓާއި ފައިވާން ވަގަށް ނަގައިފި

40 ފްލެޓަކުން 1.2 ލައްކަ ރުޕީސްގެ އަގުހުރި ބޫޓާއި ފައިވާން ވަގަށް ނަގައިފި

އިންޑިއާގެ ހުޅަނގު ބެންގާލްގެ ހައުރާ (ކަލްކަތާ ކައިރީގައި އޮންނަ ސަރަހައްދެއް) ގެ ހައުސިންގ ކޮމްޕްލެކްސްއެއްގެ 40 ފްލެޓެއްގެ ބޭރުގައި ބަހައްޓާފައި ހުރި، ގާތްގަނޑަކަށް 1.2 ލައްކަ ރުޕީސްގެ އަގުހުރި ބްރޭންޑެޑް ބޫޓާއި ފައިވާންތަކެއް ވަގަށް ނަގައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ފަތިހު ހިނގި މި ހާދިސާ ހިނގާފައިވަނީ ޝިބްޕޫރުގައި ހުންނަ "ހެޕީ ގާޑަން ހައުސިންގ ސޮސައިޓީ" ގައެވެ. އެ އިމާރާތުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ރީތިކޮށް ބޯކޮށައި ތުނބުޅި މަތިމަސް ކޮށާފައި ހުރި ފިރިހެނަކު، އެއްވެސް ހާސްކަމެއް ނެތި ހުސްފައިގައި ހުރެ އިމާރާތުގެ ކޮރިޑޯތަކުގައި ހިނގާތަން ފެނެއެވެ.

ފަތިހު 4:52 ހާއިރު އިމާރާތުގެ ތެރެއިން ފެނުނު މި މީހާ، ފްލެޓްތަކުގެ ބޭރުގައި ހުރި ބޫޓު ހަރުގަނޑުތަކާއި ތަޅުލާފައި ހުރި ލަކުޑި ކަބަޑުތައް ވަރަށް ހަމަޖެހިލައިގެން ބަލައި، އޭނާ ބޭނުންވާ އަގުބޮޑު ބޫޓުތަކާއި ސެންޑަލްތައް ގެނައި ބޮޑު ރަތް ކޮތަޅަކަށް އަޅާތަން ވީޑިއޯއިން ފެނެއެވެ. އަދި 4:54 ހާއިރު އެ ތަކެތި ހިފައިގެން އޭނާ އެތަނުން ނުކުމެގެން ދެއެވެ.

އެ ސޮސައިޓީގެ ރައްޔިތުން ޝިބްޕޫރު ފުލުހުންނަށް ހުށަހެޅި ޝަކުވާގައި ބުނެފައިވާ ގޮތުގައި، ވަގުކަލޭގެ އިމާރާތުގެ ގޯތިތެރެއަށް ވަދެފައިވަނީ މައި ގޭޓުގައި ތިބި ސެކިއުރިޓީ ގާޑުންނަށް ނޭނގޭ ގޮތަށް، އިރުއުތުރު ފަރާތު ފާރުމަތިން ފުންމާލައިގެންނެވެ. އަދި ބްލޮކް A އާއި ބްލޮކް B ގެ 40 އެއްހާ ފްލެޓުން ފައިވާންތައް ވަގަށް ނެގުމުގެ ސަބަބުން، އާދީއްތަ ދުވަހުގެ ހެނދުނު ކަސްރަތަށް ދާން އުޅުނު މީހުންނާއި އޮފީހަށް ދާން އުޅުނު ގިނަ ބަޔަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ.

މިއީ ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެ ހައުސިންގ ކޮމްޕްލެކްސްގެ ސެކިއުރިޓީ ފޫއަޅުވާލައިގެން ބަޔަކު ވަން ދެވަނަ ފަހަރެވެ. މީގެ ކުރިން ވަން މީހާ އެއްވެސް އެއްޗެއް ނުގެންގޮސް ނުކުމެގެން ދިޔައީ ކަމަށްވާތީ، އެ ފަހަރު އައީ ތަން ބަލައި ޖާސޫސްކުރުމަށް ކަމަށް ރައްޔިތުން ޝައްކުކުރެއެވެ. ސީސީޓީވީ ފުޓޭޖާއެކު މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުގައި ފުލުހުންގެ ޕެޓްރޯލް އިތުރުކޮށްދިނުމަށް ރައްޔިތުން ވަނީ އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *