އީރާނުގެ ކަނޑުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލުމަށް ވަރުގަދަ ޕްލޭނެއް ރާވައި، އެކަން ތަންފީޒުކުރަން ފެށުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އީރާނުން ހާމަކޮށްފިއެވެ.
އީރާން ސަރުކާރުގެ އިސް މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ ތަސްނީމް ނޫސް އެޖެންސީން ބުނާގޮތުގައި، ކަނޑުގެ މަގުން އީރާނާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދެއެވެ. އެހެންކަމުން ހިސާރު ފޫއަޅުވާލާނެ ގޮތްތަކެއް އީރާނުން ރާވަމުންދެއެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އެމެރިކާގެ ހިސާރާއެކުވެސް ކަނޑުގެ މަގުން އީރާނުން ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓިފައެއް ނުވާ ނަމަވެސް، ހިސާރުގެ ގެއްލުން އީރާނުގެ އިގްތިސާދަށް ބޮޑު ކަމަށެވެ.
ހުރުމުޒު ކަނޑުއޮޅީގައި ހުރަސްކުރާ އާގު ބޯޓުތަކާއި ތެޔޮ ޓޭންކަރުތަކަށް އީރާނުން ތަކުރާރުކޮށް ހަމަލާދޭ އެއް މައިގަނޑު ސަބަބަކީ، އީރާނުގެ ބަނދަރުތައް އެމެރިކާ ހިސާރުކޮށްފައިވާ އޮތުމަށް ރައްދުދިނުމެވެ. މިގޮތުން އެފަދަ ބޯޓުތަކަށް ހަމަލާދެވެނީ ކަމަށް އީރާނުގެ އެހެން މަސްއޫލުވެރިއަކު ވިދާޅުވެފައިވެއެވެ.

ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، އެއްގަމުގެ މަގުންނާއި ވައިގެ މަގުން އީރާން ހިސާރުކުރުމަށް އެމެރިކާ ކުރި މަސައްކަތް ކާމިޔާބެއް ނުވެއެވެ. އެއްގަމުން އީރާނާ ބޯޑަރު ގުޅިފައިވާ ހުރިހާ ގައުމުތަކާއެކު އިމްޕޯޓް އެކްސްޕޯޓްގެ ގިނަ މުއާމަލާތްތައް ހިންގަމުން ދާއިރު، ކެސްޕިއަން ކަނޑަށް އައްސޭރިވާ ގައުމުތަކާއެކުވެސް ވިޔަފާރި ކުރެވެމުންދެއެވެ. އަދި 23 ގައުމެއް ވައިގެ މަގުން އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގައެވެ. އީރާނުން އެންމެ ބޮޑަށް އެކްސްޕޯޓްކުރާ އެއްބާވަތަކީ ޕެޓްރޯ ކެމިކަލްސެވެ.
ނަމަވެސް ކަނޑުގެ މަގުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ގާތްގަނޑަކަށް 85 އިންސައްތަ ދަށަށްގޮސްފައިވާ ކަމަށް އީރާނުގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ. މިއީ އީރާނުގެ އިގްތިސާދަށް ދިގު މުއްދަތަކަށް ތަހައްމަލްކުރެވޭނެ ކަމެއް ނޫންކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަރަބި ކަނޑުގެ މަގުން އެމެރިކާ އަޅާފައިވާ ހިސާރާ ކުރިމަތިލުމަށް ލިބެންހުރި ހުރިހާ ވަސީލަތެއް އީރާނުން ބޭނުންކުރާނެ ކަމަށް އީރާނުގެ މީޑިއާ ބުނި ނަމަވެސް، އެކަމާ ބެހޭ ތަފްސީލެއް އީރާނުން ދީފައެއް ނުވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، އީރާނުން ވަނީ އިސްރާއީލަށާއި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާތައް ދީފައެވެ. އީރާނުން ވަނީ ހުރުމުޒު ކަނޑުއޮޅިވެސް ބަންދުކޮށްފައެވެ. އީރާނުގެ ހުއްދައަކާނުލައި އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާން ހަމަލާދެމުން ގެންދެއެވެ. އެވްރެޖްކޮށް ދުވާލަކު ދެ އުޅަނދަށް އީރާނުން ހަމަލާދޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް އީރާނުން އެމެރިކާއަށް ޝަރުތުތަކެއް ކުރިމަތިކޮށްފައިވާއިރު، އެ ޝަރުތުތައް ނުފުއްދާނަމަ ކަނޑުއޮޅި ނުހުޅުވާނެކަން އީރާނުން ހާމަކޮށްފައިވެއެވެ






