ދުނިޔެއަށް އަންނަމުންދާ ފަންނީ އިންޤިލާބާއެކު، އާރޓިފިޝަލް އިންޓެލިޖެންސް ވެފައިވަނީ އިންސާނިއްޔަތުގެ މުޅި ދިރިއުޅުން ބަދަލުކޮށްލަމުންދާ ވަސީލަތަކަށެވެ. މުވާޞަލާތީ ދާއިރާއިން ފެށިގެން، ތަޢުލީމާއި އިޤްތިޞާދާ ހަމައަށް އޭއައި ގެ ނުފޫޒު ފޯރާފައިވާއިރު، އިސްލާމީ އުއްމަތުގެ ޢިލްމުވެރިންނާއި ދިރާސާކުރާ ފަރާތްތަކުން ދަނީ މި ވަސީލަތުގެ ސަބަބުން އިސްލާމްދީނަށާއި މުސްލިމުންގެ އިޢުތިޤާދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާމެދު ފުންކޮށް ވިސްނައި، ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިސްލާމީ މުޖުތަމަޢުތަކުގައި އޭއައި ބޭނުންކުރަން ފެށުމާއެކު، ދީނީ ފިޤުހީ އަދި އަޚްލާޤީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އޭއައި މޮޑެލްތައް މަސައްކަތްކުރަނީ އިންޓަރނެޓުގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އިންޓަރނެޓުގައި އިސްލާމްދީނާ ދެކޮޅު މަޢުލޫމާތާއި، އާކައިވް ކުރެވިފައިވާ ޞަޙީޙްނޫން ޙަދީޘްތަކާއި، ދީނީ ގޮތުން ކަންކަން އޮޅުވާލުމަށް ލިޔެވިފައިވާ މާއްދާތައް ގިނަ އަދަދަކަށް ހުރެއެވެ. ސިސްޓަމްތަކުން މަޢުލޫމާތު ނަގާއިރު މިކަަމުގެ ސަބަބުން ނުބައި ފަތުވާތައް އުފައްދައި، ޢާންމުންނަށް އޮޅުވާލެވުމުގެ ފުރުޞަތު ބޮޑެވެ.
އިސްލާމީ ފިޤުހުގައި ފަތުވާދިނުމަކީ ހަމައެކަނި ލިޔެވިފައިވާ ލޔުންތަކެއް ކިޔައިގެން ކުރެވޭ ކަމެއް ނޫނެވެ. އެއީ އިންސާނީ ތޫނުފިލިކަމާއި، ޙާލަތަށް ރިއާޔަތްކުރުމާއި، ތަޤުވާވެރިކަމާއި، މުޖުތަމަޢުގެ މަޞްލަޙަތު ވަޒަންކުރުމުގެ މައްޗަށް ބިނާވެގެންވާ ކަމެކެވެ. އޭއައި ސިސްޓަމްތަކުގައި މިފަދަ ރޫޙާނީ އަދި އިޖުތިމާޢީ ސިފަތަކެއް ނުހުރެއެވެ.
ގިނަ އޭއައި މޮޑެލްތައް ތަރައްޤީކުރަނީ ހުޅަނގުގެ އިޖުތިމާޢީ އަދި އަޚްލާޤީ މިންގަނޑުތަކަށް އިސްކަންދޭ ކުންފުނިތަކުންނެވެ. މީގެ ސަބަބުން، އިސްލާމީ އުޞޫލުތަކާއި ޚިލާފު ވިސްނުންތައް (މިސާލަކަށް: ޢާއިލީ ގުޅުންތަކާއި، އަޚްލާޤީ މިންގަނޑުތަކާމެދު ހުޅަނގުގެ ފިކުރު) މުސްލިމް ޒުވާނުންގެ މެދުގައި ނޭނގިތިބެ އާންމުވުމުގެ ނުރައްކާ ބޮޑެވެ.
އިސްލާމީ ބޮޑެތި އިދާރާތަކުންނާއި ފިޤުހު އެކަޑަމީތަކުން ފާހަގަކުރާ ގޮތުގައި، އޭއައި އަކީ އަޞްލެއްގެ ގޮތުން ހުއްދަ ވަސީލަތެކެވެ. ނަމަވެސް، އެއީ މުފްތީއެއްގެ ނުވަތަ ދީނީ ޢިލްމުވެރިއެއްގެ މަޤާމު އަދާކުރެވޭނެ އެއްޗެއް ނޫނެވެ.
"އާރޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ދީނީ ޙުކުމްތައް ހޯދައި، އެއަށް ޢަމަލުކުރުމަކީ ޢާންމު މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ދީނީ ކަންކަމުގައި ސުވާލުކުރަންޖެހޭނީ އިތުބާރުހުރި، ތަޢުލީމުލިބިގެންވާ ދީނީ ޢިލްމުވެރިންނާއެވެ."
- އިސްލާމީ ފިޤުހު ދިރާސާކުރާ މަޝްހޫރު އިދާރާތަކުގެ ނިންމުން:
ޢިލްމުވެރިން އިރުޝާދު ދެއްވަނީ އޭއައި ބޭނުންކުރަންވާނީ ޢިލްމުވެރިންގެ މަސައްކަތްތަކަށް އެހީތެރިވާ ވަސީލަތެއްގެ ގޮތުގައި އެކަނި ކަމަށެވެ. މީގެ ތެރޭގައި ފޮތްތަކުން ޙަދީޘާއި ފިޤުހީ ޢިބާރާތްތައް އަވަހަށް ހޯދުމާއި، ދީނީ މަޢުލޫމާތު އިންޑެކްސް ކުރުން ހިމެނެއެވެ.
އޭއައި އަކީ ހަމައެކަނި ނުރައްކަލެއް ނޫނެވެ. މުސްލިމުން މި ވަސީލަތް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ބޭނުންކޮށްފިނަމަ، މީގެއިން ލިބޭނެ ފައިދާތައްވެސް އިންތިހާއަށް ގިނައެވެ:
ތަފާތު ބަސްބަހުން އިސްލާމްދީނުގެ ޞަޙީޙް މަޢުލޫމާތު މުޅި ދުނިޔެއަށް ފެތުރުން ވެސް މީ ކުރެވިދާނެ ކަމެކެވެ.
އަދި ބޮޑެތި ދީނީ ފޮތްތަކާއި ކަންކަން ދިރާސާކުރުމުގައި އޭއައި މެދުވެރިކޮށް އަވަސް ނަތީޖާ ހޯދިދާނެއެވެ.
މީގެ އިތުރުން އިތުބާރުހުރި އިސްލާމީ މުއައްސަސާތަކުގެ ސީދާ ބެލުމުގެ ދަށުން ރައްކާތެރި އޭއައި މޮޑެލްތައް އުފެއްދިދާނެއެވެ.
އާރޓިފިޝަލް އިންޓެލިޖެންސަކީ އޭގެ ޒާތުގައި ގައި ހެޔޮ ނުވަތަ ނުބައި އެއްޗެއް ނޫނެވެ. އޭގެ ނަތީޖާ ބިނާވަނީ އިންސާނުން އެ ބޭނުންކުރާ ގޮތެއްގެ މައްޗަށެވެ. އޭއައި ގެ ސަބަބުން އިސްލާމްދީނަށް ނުރައްކާވަނީ، މުސްލިމުން ދީނީ އިރުޝާދު ހޯދުމުގައި ޢިލްމުވެރިން ދޫކޮށް މެޝިންތަކަށް ބަރޯސާވާން ފެށުމުންނެވެ. މުސްލިމުންގެ މަސްއޫލިއްޔަތަކީ މިފަދަ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، އިސްލާމީ ރައްކާތެރި މިންގަނޑުތަކެއްގެ ތެރެއިން އޭއައި ގެ ފައިދާ ހެޔޮގޮތުގައި ހިފުމެވެ





