ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) ގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާ ގުޅިގެން، އެ މައްސަލައިގައި ރާއްޖެއާ އެކު މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާއަށް ދައުވަތު އަރުވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު އިނގިރޭސި ބޮޑުވަޒީރަށް މި ދައުވަތު ދެއްވީ، އިނގިރޭސިވިލާތުން މޮރިޝަސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި މަސްލަހަތުތަކަށް އަސަރުކޮށްފާނެ ކަމަށް ބެލެވޭތީ، އެކަމުގައި ރާއްޖޭގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމުގެ ގޮތުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަމާއި އިގްތިސާދީ ހައްގުތައް ހިމާޔަތްކުރުމަށް މި ސަރުކާރުން އަބަދުވެސް ވަކާލާތުކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެއިތުރުން، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައާ ވެސް ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، މިކަމުގައި ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކާއި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އިނގިރޭސި ސަރުކާރާއެކު ގާތުން މަސައްކަތްކުރަން ބޭނުންވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
ފޯޅަވަހި މައްސަލައިގައި ދިވެހިރާއްޖޭގެ މަސްލަހަތު ގެއްލޭ ގޮތަށް ކުރީ ސަރުކާރުން ނިންމާފައިވާ ނިންމުންތައް މުރާޖައާކޮށް، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް މި މައްސަލައިގައި ވަކާލާތުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.






