ގދ. ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ސީދާ ހަރަދުކޮށްގެން ކުރިއަށްގެންދެވޭ ވަރަށްވުރެ ބޮޑު މަޝްރޫއެއް ކަމަށާއި، ބޭރުގެ އިންވެސްޓަރެއް އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ބޭނުންވިހާ އަވަސް މިނެއްގައި ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. ނަމަވެސް، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭރުގެ އިންވެސްޓަރަކު މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، ކްރޮސް ސަބްސިޑީ ނުވަތަ އެހެން ގޮތްގޮތުންވެސް މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން އަދި މުޅިން ފައިނަލް ގޮތެއް ނުނިމުނު ނަމަވެސް، މި އަހަރުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭ ހިސާބަށް ކަންކަން ގެންދެވޭނެ ކަމަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކާޑެއްދޫ އެއާޕޯޓަކީ މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކުންފުނި، ވިލާ އެއާއިން ހިންގަމުން އަންނަ އެއާޕޯޓެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އެއާޕޯޓުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި ނަމަވެސް، އެއީ ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ނިމިދިޔަ ސަރުކާރުން ވަނީ އަލުން އެ އެއާޕޯޓް ވިލާ އެއާއާ ހަވާލުކޮށްފައެވެ.






