ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީޕީއެމް) ގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ އަމިއްލަފުޅު ގޭގެ ކަރަންޓް ބިލާއި ދަރިންގެ ސްކޫލް ފީ ދައްކަވާފައިވަނީ އެ ޕާޓީ ހިންގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޫކުރި ފައިސާއިން ކަމަށް ޕީއެންސީގެ އިސް އެކްޓިވިސްޓް މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދެނީ ރައްޔިތުންނާ ގުޅުންހުރި ކަންކަން ކުރުމަށް ކަމަށެވެ. ނަމަވެސް، ޕީޕީއެމް ވެރިކަން ނިމިގެން ދައުލަތުން އެ ޕާޓީއަށް ދިން ފައިސާ ޚަރަދުކުރި ގޮތް ވަރަށް ސާފުކޮށް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު އިިސްމާއިލް އިތުރަށް ވިދާޅުވީ މިހާރު ޔާމީން އަރިހުގައި ތިއްބެވި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި މަލީހް ޖަމާލް ފަދަ ބޭފުޅުން ޕާޓީއަށް އެއްވެސް ޚިދުމަތެއް ކޮށްދީފައި ނުވާ ކަމަށެވެ. އަދި ޕާޓީ މަގުމަތީގައި އޮތްއިރު ވެރިކަމަށް ގެނައުމަށްޓަކައި މަސައްކަތްކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިހާރުގެ ޕާޓީ ލީޑަޝިޕް ކަމަށާއި، ބަންދުގައި ހުންނަން ޖެހުނު ދުވަސްވަރުވެސް އާއިލާގެ ކަންކަން ބަލަހައްޓައިދެއްވީ ރައީސް މުއިއްޒު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި ޕާޓީގެ ހަރަކާތްތަކުގެ ތެރެއިން ހައްޔަރުކުރެވި 45 ދުވަހު ޖަލުގައި އޮންނެވިއިރުވެެސް ޕާޓީގެ ތެރެއިން އެއްވެސް އެހީތެރިކަމެއް ލިބިފައެއް ނުވެ އެވެ. އަދި އަނބިދަރިންގެ ކަންކަން ބެއްލެވުމަށް ވަޑައިގެންނެވީ އެކުގައި މަސައްކަތްކުރެއްވި މިހާރުގެ ބައެެއް މަޖިލިސް މެމްބަރުންކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި ގޭގައި އަރާމުގައި ހުންނަވައިގެން ވެރިކަން ކުރެއްވި ބޭފުޅެއްގެ ޝަރަފުގައި އިންނަވަން ނޭނގިގެން، ރައީސް ޔާމީން މިއަދު މަސައްކަތްކުރައްވަނީ ދޮގު ވާހަކަދައްކައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަންށެވެ. އަދި އެއީ ޤައުމާއިމެދު ވިސްނަވާ ބޭފުޅަކު ކަންކުރައްވާ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.






