މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު 50 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން މި ހުކުމް ކުރީ، ހދ. ކުޅުދުއްފުށީ ކޮށީގެ އާމިނަތު ލަމްހާގެ މައްޗަށެެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި، ޑައިމޯފިން ތްރެފިކް ކުރުމުުގެ ކުށުގެ ދައުވާއެވެ.
ދައުވާގައި ބުނެފައި ވަނީ، ރޭގަނޑެއްގެ 00:14 އެހާކަށްހާއިރު ދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފުލައިޓަކުން ފައިބައިގެން ދިޔަ މަގުމަތީގައ،ި ލަމްހާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ބޭނުން ކޮށްގެން ކަމަށް ކުރެވުނު ތުހުމަތާއި ގުޅިގެން އޭނާ ހުއްޓުވައ،ި ހައްޔަރުކޮށ،ް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރި ކަމަށެވެ.
އެއަށްފަހު އޭނާގެ ހަށިގަނޑު ބަލައި ފާސް ކުރަން ފެށުމުނ،ް އޭނާ އަމިއްލައަށ،ް އޭނާ އަޅައިގެން ހުރި ބްރާގެ ވައަތް ފަރާތު ކަޕް ތެރެއިން ނެގި ހުދުކުލައިގެ ޓިޝޫ އޮޅާފައިވާ އެއްޗެއްގެ ތެރެއިން ފެނުނު ޖޫސްޕެޓީ ކޮތަޅުގައި ހުރީ މެޓަމްފެޓަމިން ރެސިމޭޓް ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަަމަށެވެ.
ދައުވާއަށް ޖަވާބުދާރީވާން އެންގުމުން ދައުވާއަށް އިންކާރުކޮށް، އޭނާ ބުނެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށާއ،ި އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ފެނިފައި ނުވާކަމަށެވެ. އެކަމާ ގުޅިގެން ހެކީގެ ގޮތުގައި، ފުލުހުންގެ ހެކި ބަހާއި، މަސްތުވާތަކެތީގެ ތަހުލީލީ ރިޕޯޓާއި، ފޮރެންސިކް ރިޕޯޓާއި، މޯބައިލް ފޮރެންސިކް ރިޕޯޓާއި، ސީން އޮފް ކްރައިމް އޮފީހުން ރިޕޯޓް ހުށަހެޅިއެވެ.
މީގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި، ތަހުގީގުގައި ބަޔާން ދީފައިވާ ޝަފަވީ ހެކިންގެ ބަޔާންތަކާއި، މި މައްސަލައިގައި ތައްޔާރު ކޮށްފައިވާ ތަހްލީލު ރިޕޯޓުތަކާއ،ި ރިޕޯޓްތަކާއި ގުޅޭ ލިޔެކިޔުންތައް، އަދި މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުމާއ،ި ޗެއިން އޮފް ކަސްޓަޑީ ކާޑުތައް ހުށަހެޅިއެވެ. އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގައި ލަމްހާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓް ތަކުގެ ސްޓޭޓްމަންޓްތައްވެސް ހުށަހެޅިއެވެ.
މީގެ ތެރެއިން ޑައިމޯފިން ޓްރެފިކް ކުުރުމުގެ ދައުވާ ސާބިތުވާތީ، 25 އަހަރަށް ޖަލަށްލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް، އަދި ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ތްރެފިކް ކުރުމުގެ ދައުވާ ސާބިތުވާތީ، 25 އަހަރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާވެސް 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.






