ލޭ އަޅާ ކުއްޖަކު ނުކުޅެދޭ މީހުންގެ ދަފްތަރުގައި ނުހިމަނަން އެންސްޕާއިން ނިންމީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި

ލޭ އަޅާ ކުއްޖަކު ނުކުޅެދޭ މީހުންގެ ދަފްތަރުގައި ނުހިމަނަން އެންސްޕާއިން ނިންމީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި

ކުއްޖަކު ނުކުޅެދުންތެރިއެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހެޅި މައްސަލައިގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްްޕާ) ގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނުނެރެދިނެވެ.

މިއީ ލ. މާމެންދޫ އަޅިވިލާގެ އާދަމް ނަސީމުގެ ދަރިފުޅަކީ، ލޭއަޅާ ބަލީގެ ކުއްޖެއް ކަމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީ ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އެ ކުއްޖާ ހިމެނުމާއި، މާލީ އެހީތެރިކަމަށް އެދޭ ފޯމު ހުށަހެޅުމުން އެހީ ހަމަ ނުޖެހޭނެކަން އަންގާފައި ވާތީ، އެކަމުގެ ސަބަބުން ހޯދުމަށް 20 ޖޫން 2019 ގައި އެންސްްޕާ އަށް ފޮނުވި ސިޓީއަށް މިހާތަނަށް ޖަވާބު ލިބިފައި ނުވާތީ ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އާދަމް ނަސީމުގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ، އޭނާގެ ދަރިފުޅު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނުމަށާއި، މާލީ އެހީތެރިކަން ހަމަޖައްސައިދިނުމަށާއި، އަދި 23 މެއި 2019 އިން ފެށިގެން މައްސަލަ ނިމޭ ދުވަހަށް ބަދަލުގެ ގޮތުގައި އެ މަހަކަށްޖެހޭ ވަރެއް ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ.

މި މައްސަލައިގައި އޭނާ ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އެ ކުއްޖާ ހިމެނުމަށާއި، މާލީ އެހީތެރި ކަމަށް އެދޭ ފޯމު 23 މެއި 2019 ގައި އެންސްްޕާއަށް ހުށަހެޅުމުން އެހީ ހަމަނުޖެހޭނެކަން އެސްއެމްގެ ޒަރިއާއިން އަންގާފައިވާ ކަމަށެވެ.

ދެވަނަ ފަހަރަށް މާލީ އެހީތެރިކަމަށް އެދޭ ފޯމު 7 ޑިސެމްބަރު 2021 ގައި އެންސްޕާ އަށް ހުށަހެޅުމުން، އެހީ ހަމަ ނުޖެހޭނެކަން 27 ޑިސެމްބަރު 2021 ގައި އެސްއެމްގެ ޒަރިއާއިން އަންގާފައިވާ ކަމަށެވެ. އަދި އެހީ ހަމަނުޖެހިފައި ވަނީ އެންސްޕާއިން ބަލާ މިންގަނޑު ތަކަށް ނުފެތޭތީ ކަމަށް އެ އެޖެންސީން ބުނެފައިވާތީ އެހީ ހަމަނުޖެހުނު ސަބަބު ހޯދުމަށް 20 ޖޫން 2019 ގައި އެ އެޖެންސީއަށް މިހާތަނަށް ޖަވާބު ލިބިފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އާދަމް ނަސީމު ބުނެފައި ވަނީ، ދިގު މުއްދަތެއްގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ހިއްސު ތަކުގެ އުނިކަމެއް ހުރި، އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހާ ހުރަސްތަކާ ހުރެ މުޖުތަމައުގެ އެހެން މީހުންނާ އެއް ހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ހަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކީ ނުކުޅެދުންތެރިއެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ވަނިކޮށް އެންސްޕާއިން ވަކި ގޮތަކަށް އެ މިންގަނޑު ބަޔާން ކުރުމަކީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނާ ހިލާފް ކަމެއް ކަަމަށްވެސް ބުނެފައިވެއެވެ.

އޭނާގެ ދަރިފުޅަކީ އުފަންވީ އިރުވެސް ޖިސްމާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ހަށިގަނޑުގައި ލޭ އުފައްދައިނުދޭ، ލޭ އަޅަންޖެގޭ ބަލި ކުއްޖެއް ކަމަށާއި، އުޅުމާއި ކެއުން ބަހައްޓަން ޖެހެނީ އެހެން މީހުންނާ ހިލާފަށް ކަަމަށްވެސް ބުނެފައިވެއެވެ. އަދި ލޭ އެޅުމާއި ޑެސްފެރޯލް ގުޅުމުގައި އެތައް ވަގުތެއް ހޭދަކުރަންޖެހޭ ކަމަށާއި ވަރުބަލި ވުމާއި ނޭވާ ކުރުވުމާއި ހުޅުހުޅުގައި ރިއްސާ ކަމަށާއި، މިކަން ކަމުގެ ސަބަބުން މުޖުތަމައުގެ އެހެން މީހުންނާއި އެއްހަމައެއްގައި ބޭނުންތެރި ގޮތެއްގައި ބައިވެރިވެ އުޅުމަށް އެ ކުއްޖާއަށް ދައިވެފައިވާ ކަމަށްވެސް ބުންޏެވެ.

މި ދައުވާއަށް އިންކާރުކޮށް ދައުލަތުން ބުނެފައި ވަނީ ކުއްޖާއާބެހޭ ގޮތުން ލިބިފައިވާ މައުލޫމާތުގެ އަލީގައި އެ ކުއްޖާގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަން ބެލުމަށްޓަކައި، ޓެސްޓް ތަކެއް ހެދުނު ކަމަށެވެ. އެ ގޮތުން މީހުން ހަރަކާތްތެރިވުމަށް ދަތިވާ މިންވަރު ބެލުމަށް ހަދާ ޓެސްޓް މެދުވެރިކޮށް މިންކުރެވުނު އިރު، ދައުލަތުން ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި ކަނޑައަޅަނީ އެކަމަށްހަދާ އެސެސްމެންޓުން 40 ޕަސެންޓަށްވުރެ މަތިން ލިބޭ ފަރާތްތައްކަން ކަމާބެހޭ ގަވާއިދުގައި ބަޔާން ކޮށްފައިވާއިރު، ދައުވާކުރާ ފަރާތުން 23 މެއި 2019 ގައި ހުށަހެޅި ފޯމާ ގުޅިގެން ހެދުނު އެސެސްމެންޓުން އެ ފަރާތަށް ލިބިފައިވަނީ 40 ޕަސެންޓަށްވުރެ ދަށުން ކަަމަށެެވެ.

މީގެ އިތުރުން "ތެލަސީމިއާ ޕޭޝަންޓް ރެކޯޑް ކާޑް" ގެ އިތުރުން ޑޮކްޓަރެއްގެ ނުވަތަ ސިއްހީ ހިދުމަތްތެރިއެއްގެ އިތުރު ލިއުމެއް އެކަން ހަމަޖެއްސުމަށް ހުށަހަޅާފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ، ދައުލަތް (އެންސްޕާ) އަށް އާދަމް ނަސީމު އެދުނު ފަދަ އަމުރެއް ކުރާނެ ތަނެއް ނެތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *