ތާރީޚުގެ ތެރެއިން: ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު

ތާރީޚުގެ ތެރެއިން: ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު

އެންޓޮނޯވް އޭއެން-225 (Antonov An-225 Mriya) އަކީ އޭވިއޭޝަންގެ ތާރީޚުގައިވެސް އުފެއްދި އެންމެ ބޮޑު އަދި އެންމެ ބަރު ކާގޯ (މުދާ އުފުލާ) މަތިންދާބޯޓެވެ. ޔޫކްރެއިން ބަހުން "މްރިޔާ" ގެ މާނައަކީ "ހުވަފެން" އެވެ. މި ބޯޓަކީ އޭގެ ޤާބިލުކަމާއި ބޮޑުމިނުގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި އިންޖިނިއަރިންގްގެ ފާހަގަ ކޮށްލެވޭ ކާބިޔާބީއެކެވެ.

މި ބޯޓު އެންމެ ފުރަތަމަ ފަރުމާކޮށް އުފެއްދީ 1980 ގެ އަހަރު ތަކުގައި އޭރުގެ ސޯވިއެޓް ޔޫނިއަން ގެ އެންޓޮނޯވް ޑިޒައިން ބިއުރޯއިންނެވެ. މި ބޯޓު އުފެއްދި މައިގަނޑު ބޭނުމަކީ ސޯވިއެޓް ޔޫނިއަންގެޖައްވީ ޕްރޮގްރާމްގައި ބޭނުންކުރި "ބުރާން" ޖައްވީ އުޅަނދާއި، އޭގެ ރޮކެޓް ބޫސްޓަރުތައް އެއްތަނުން އަނެއްތަނަށް އުފުލުމަށެވެ. މިއީ ކުރިން އޮތް އޭއެން-124 ބޯޓަށްވުރެ ބޮޑުކޮށް، ބަރު އެއްޗެހި ބޯޓުގެ ބޭރުގައި (މަތީގައި) ހަރުކޮށްގެން އުފުލޭގޮތަށް ހެދި ބޯޓެކެވެ.

މި ބޯޓު މަސައްކަތްކުރާ ގޮތާއި އޭގެ ފަރުމާގައި ހިމެނޭ މުހިންމު ބައިތަކަށް ބަލާއިރު، ބޯޓު މައްޗަށް އުދުއްސާލުމަށްޓަކައި 6 ޖެޓް އިންޖީނު ހަރުކުރެވިފައި ވެއެވެ. ކޮންމެ ފިޔަގަނޑެއްގައި 3 އިންޖީނު އިނދެއެވެ. ބޯޓުގެ އެއް ފިޔަގަނޑުގެ ކޮޅުން އަނެއް ފިޔަގަނޑުގެ ކޮޅަށް 88.4 މީޓަރު ހުރެއެވެ. ބޯޓުގެ ބަރުދަން ހިފެހެއްޓުމަށްޓަކައި ޖުމްލަ 32 ފުރޮޅު ހިމެނޭ ސިސްޓަމެއް ބޭނުންކުރެއެވެ. މީގެ ސަބަބުން ބޯޓު ރަންވޭމަތީގައި ދުވާއިރު ބަރުދަން އެއްވަރަކަށް ބެހިގެންދެއެވެ.

މި ބޯޓަށް މުދާ އަރުވަނީ ބޯޓުގެ ކުރީކޮޅުން މައްޗަށް ހިއްލާލައިގެންނެވެ. ބޯޓުގެ ފަހަތުގައި އެހެން ކާގޯ ބޯޓުތަކާ ޚިލާފަށް ހުޅުވޭ ދޮރެއް ނުހުރެއެވެ. ސަބަބަކީ ޖައްވީ އުޅަނދު ފަހަތަށް ހަރުކުރާއިރު ބޯޓުގެ ނަގޫފަތް ދެކޮޅަށް ކަފިވާ ގޮތަށް ހަދަން ޖެހުމުން، ފަހަތުން ދޮރު ހުޅުވޭގޮތް ހެދުން އިންޖިނިއަރިންގް ގޮތުން ރައްކާތެރިނުވުމެވެ.

ދުނިޔޭގެ ރެކޯޑުތައް މުގުރާލި މި ހައިރާންކުރުވަނިވި މަތިންދާ ބޯޓު ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރޭގައި، ކިއެވް ކައިރީގައި އޮންނަ ހޮސްޓޮމެލް އެއާޕޯޓަށް ދެވުނު ހަމަލާތަކެއްގައި ހަލާކުވެފައެވެ. މިއީ މުޅި އޭވިއޭޝަން ދުނިޔެއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *