މާލެ ސިޓީ ކައުންސިލުން މީދާ މަރަން ހިންގި ޚާއްސަ ހަރަކާތަކަށް 31،000 ރުފިޔާ ޚަރަދު ކޮށްގެން މަރުވީ އެންމެ 80 މީދާކަން އެނގިއްޖެއެވެ.
މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދަން "ސަން" މީޑިއާއިން އެދުމުން ސިޓީ ކައުންސިލުން ބުނެފައި ވަނީ، މީދާ މަރާ ބޭސް ބެހެއްޓީ މާލޭގެ 49 ތަނެއްގައި ކަމަށެވެ. މި ހަރަކާތް ހިންގާފައި ވަނީ ހުސްވި ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން 31 ހާސް ރުފިޔާ ޚަރަދުކޮށްގެން 20 ދުވަސް މަތިން ސިޓީ ކައުންސިލަށް މާލެ ތެރެއިން މަރާލެވުނީ އެންމެ 80 މީދަލެވެ. މިއީ މާލޭގައި މީދާ ގިނަވެގެން މީދާ މަދު ކުރަން ސިޓީ ކައުންސިލުން ހިންގި ޚާއްސަ ހަރަކާތެކެވެ.
ސިޓީ ކައުންސިލުން މިކަމަށް ޚަރަދުކުރި ޖުމްލައަކީ 31،978.40 ރުފިޔާއެވެ. އެއީ، މީދާ ބޭސް ގަންނަން ޚަރަދުކުރި 30،596 ރުފިޔާ އާއި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ބެނާ ޕްރިންޓް ކުރަން ޚަރަދުކުރި 1،382.40 ރުފިޔާއެވެ.




