ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލައިގެން ބާއްވާއިރު، މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ދައުރުން 6 މަސް ދުވަސް ކުރުކޮށްލަން މެމްބަރުން އެއްބަސްވެވަޑައިގަތުމަކީ، އެ މެމްބަރުން ގައުމަށްޓަކައި ވެވަޑައިގަންނަވާ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ދެ އިންތިހާބު އެއްކޮލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.
ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއްކޮލުމަށް މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމަށް ނިންމާފައިވާއިރު އޭގެ ސަބަބުން މިހާރު އޮތް 20 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރުން 6 މަސް ދުވަސް އުނިވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމުން ދައުލަތަށް 80 މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، މަޖިލިސް އިންތިހާބު ބޭއްވުމަށް 60 މިލިޔަން ރުފިޔާ އާއި 80 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާކަން އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އެހެންކަމުން ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުގެ ބަޖެޓުން 80 މިލިޔަން ސަލާމަތްވުން ކަމަށް އޭނާ ވިދާޅުވިއެވެ.




