އެމީހެއްގެ އުމުރުން 65 އަހަރު ވީނަމަވެސް، އެމީހެއްގެ ޕެންޝަން އެކައުންޓުގައި ހުރި ފައިސާ ދޫކުރާނީ ބަލި ޙާލަތު ބޮޑުވެ، އެއް އަހަރު ދުވަސް ތެރޭގައި މަރުވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވުން ކަމުގައި ނިންމާ ނިންމުމާމެދު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެކަމާމެދު ގިނަބަޔެއްގެ ފާޑުކިޔުމާއި ނުރުން އަމާޒުވެފައި ވަނިކޮށް ފިރާގު ސޯޝަލް މީޑިއާގައި ފުރަތަމަވެސް ކުރެއްވީ ސުވާލެކެވެ.
"މިއީ ކޮންކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟" އޭނާ ވިދާޅުވިއެވެ.
އެއަށްފަހު ފިރާގު ވިދާޅުވީ، ޕެންޝަން އެކައުންޓުގައި ހުރި ފައިސާ ލިބޭނެ ހަމައެކަނި ލިބޭނީ، ހަމައެކަނި މަރުގެ ޔަގީންކަން، ނުވަތަ ޑޮކްޓަރުން އެކަން ކަށަވަރު ކޮށްދިނުމުންތޯއެވެ.
"އެއީ ވޭންދެނިވި ހަގީގަތެއް، ކަރާމާތް އިމްތިހާނުކޮށް، ދިރިހުރުމަކީ ހައްގެއް ނޫން ގޮތަކަށް ކުރިމަތިވާ ކަމެއްގެ ގޮތުގައި އިހުސާސް ކުރެވޭ ހަގީގަތެކެވެ. މިފަދަ ދަތިކަމުގެ ދަށުގައި އުޅެން މަޖުބޫރުވެފައިވާ އެންމެންނަށް ލުއި، އިންސާފު، ރަޙްމަތް ދެއްވާށިއެވެ." ފިރާގު ވިދާޅުވިއެވެ.
ފިރާގު މިހެން ވިދާޅުވިއިރު، މަރުނުވެ، ގިނަ ވެގެން ދުނިޔޭގައި ހުންނާނީ އެއް އަހަރު ކަމުގައި ޑޮކްޓަރުން ވިދާޅުވެއްޖެނަމަ، ޕެންޝަން ފައިސާ ނެގޭގޮތަށް ސަރުކާރުން ވަނީ ގާނޫނަށް އިސްލާހެއް ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން ޕެންޝަނާބެހޭ ގާނޫނަށް މި އިސްލާޙު ހުށަހެޅީ، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ. މި އިސްލާޙުގައި ބުނެފައިވާ ގޮތުން ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ 65 އަހަރުވުމުންނެވެ. ނަމަވެސް އެއީ ވަކި ޝަރުތެއް އޮވެގެންނެވެ. އެ ޝަރުތަކީ ޓާމިނަލް އިލްނަސްގެ ހާލަތުގައި ތިބޭ މީހުންނަށް ވުމެވެ. އެ ޙާލަތް ކަމުގައި ބުނެފައި ވަނީ އެމީހަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ދެމުންދިޔަ ނަމަވެސް، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވުމެވެ. 1 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ދުނިޔޭގައި ނުހުންނާނެ ކަމަށް ޑޮކްޓަރުން ނިންމުމެވެ.
ބިލުގައި ބުނެފައި ވަނީ މީހަކު ދުނިޔޭގައި ހުންނާނެ އެންމެ ދިގު އުމުރު 1 އަހަރު ކަމުގައި ޑޮކްޓަރުން ނިންމި ނަމަވެސް، ޕެންޝަން އެކައުންޓުގައި ހުރި ފައިސާ ދޫކުރާނީ އެކިފަހަރު މަތިން ބަހާލައިގެން ނުވަތަ އެއްފަހަރާއެވެ. އެކަން ނިންމަނީ ޙާލަތަށް ބަލައިގެން ކަމަށެވެ.
މީގެއިތުރުން، ޕެންޝަނުގެ ފައިސާ ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރަން ދައްކަން ޖެހޭ ޑައުންޕޭމަންޓް ދައްކަން ދޫކުރެވިދާނެ ކަމަށް ބިލުގައިވެއެވެ.




