އެމްޑީީގެ ވަގުތީ ޗެއާޕާސަން ކަމުގެ މަގާމަށް ރޭ އިންތިޚާބުވި، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއަށް، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާގައި ވަގުތީ ޗެއާޕާސަން ކަމަށް ޣަފޫރު އިންތިޚާބުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޣަފޫރަށް، މަރުޙަބާ ވިދާޅުވެ ޝާހިދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ޝާހިދުގެ އިތުރުންވެސް އެމްޑީޕީގެ ލީޑަރޝިޕްގެ އެހެން ބޭފުޅުންނާއި، ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ އެހެން ބޭފުޅުންވެސް ވަނީ ޣަފޫރަށް މަރުޙަބާ ކިޔާފައެވެ.
ރޭ އޮތް ގައުމީ މަޖިލީހުގައި ވަގުތީ ޗެއާޕާސަން ކަމަށް ޣަފޫރު އިންތިޚާބުވީ ގައުމީ މަޖިލީހުގައި ނެގި ވޯޓުންނެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ނިމި، ދާއިމީ ޗެއާޕާސަނަކު އިންތިޚާބު ކުރެވެންދެން ވަގުތީ ގޮތުން އެ މަގާމުގައި ހުންނަވާނީ ޣަފޫރެވެ.





