މާލޭގައި ހުންނަ އަމިއްލަ ސްކޫލެއް ކަމަށްވާ، ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީ ސްކޫލު މުވައްޒަފުންނަށް "އަރުތަ" ނަމުގައި ޚާއްސަ ޕްރޮގްރާމެއް ބާއްވައިފިއެވެ.
މި ޕްރޮގްރާމަކީ ކުށްމަދު އަމާން ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުމާއި މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ފުލުހުންގެ ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓާއި ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީ ސްކޫލު ގުޅިގެން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 އަދި 20 ވަނަ ދުވަހަށް ކުޑަގިރީގައެވެ.
މި ޕްރޮގްރާމުގައި، އެ ސްކޫލު މުވައްޒަފުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވާނޭ ފަދަ ޓީމް ބިލްޑިންގ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވެތިބުމަށާއި އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން “ސައިބަރ ސޭފްޓީ” މައުލޫގެ ދަށުން މައުލޫމާތު ދީފައިވެއެވެ.
އަދި އޮފީސް މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރުން، ކޮމިއުނިކޭޝަން، ލީޑަރޝިޕް އަދި ޓީމް ވޯކް، މައުލޫގެ ދަށުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި އެއްބައިވަންތަކަމާއި އެކުވެރިކަމާއެކުގައި މަސައްކަތްކުރުމުގެ ފައިދާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކުރިމަތިލާނެ ގޮތްތަކާއި ސުލްހަވެރިކަމާއި ވިސްނުންތެރިކަމާއެކު މައްސަލަ ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ޕްރޮގްރާމްގައި އެ ސްކޫލުގެ 71 މުވައްޒަފުން ބައިވެރިވިއެވެ.






