ރޭ އޮލިމްޕަހުގައި އެޅުވި "ލިލީ" "ލިލީ" ގެ ކާޕެޓް އިވެންޓުގައި އިސްލާމްދީނާއި ދިވެހި ސަގާފަތާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން ފިރިހެނަކު ދިޔަ މައްސަލައިގައި ސޯޝަލް މީޑިޔާގައި އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ނުސީދާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަމާއި ގުޅިގެން ވާހަކަ ދައްކަވައިފިއެވެ.
މީގެކުޑައިރުކޮޅެއް ކުރިން ވަކި ކަމެއްގެ ވާހަކަ ފާހަގަ ނުކުރައްވައި ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި އުޅޭ ފަރާތްތަކުގެ ކިބައިންވެސް އެދިވަޑައިގަންނަވަނީ، އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއް ކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ. އަދި މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުންވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއް ގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށެވެ.






