ވަގަށް ރާއްޖެއަށް ރަން އެތެރެކުރި މީހަކު ޖަލަށްލުމަށް ހުކުމްކޮށް، އެތެރެކުރި ރަންތައް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނަގަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މުހައްމަދު ސުލައިމްހާންގެ މައްޗަށެވެ.
އޭނާ ރާއްޖެއަށް ރަން އެތެރެ ކުރިކަން އެނގުނީ އީކޭ ފްލައިޓުން ރައްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލަގެޖްގެ ގޮތުގައި ގެންގުޅުނު ބެކް ޕެކާއި ސައިޑް ބޭގް، ހޭންޑް ލަގެޖް ސްކޭން ކުރާ މެޝިނުން ސްކޭން ކޮށްގެން ރެޑް ޗެނަލްގެ އެންޓްރީ ފަހަނައަޅައި ގްރީން ޗެނަލްއިން ނިކުންނަށް ދަނިކޮށް ކަސްޓަމް އޮފިސަރުން އޭނާ ހުއްޓުވައި ސުވާލު ކޮށް ބެކްޕެކް ބަލައި ފާސްކުރިއިރު، ދުބާއީން އޭނާ ރަން ގަނެ ރަން ޑިކްލެއާ ކޮށްފައިވާ ކަމަށް ފެނުނު ލިއުންތަކާ ގުޅިގެން ސްކޭން ކުރުމުންނެވެ.
އެ ލިއުން ތަކަށް ބެލުމުން، އޭނާ ރާއްޖެއަށް ރަން އެތެރެ ކުރިކަމަށް ޝައްކު ކުރެވިގެން ސުލައިމާންގެ ހަށިގަނޑު ސްކޭންކޮށް ބެލިއެވެ.
ބަލައިފާސްކުރިއިރު އޭނާގެ ހަށިގަނޑުގައި އެއްޗެހި ފޮރުވާފައި ހުރިކަން ފާހަގަ ކުރެވުނެވެ. އެކަމާ ގުޅިގެން އޭނާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސުގެ ޖީބު ތަކުންނާއި ލައިގެން ހުރި ބޮކްސާ ތެެރެއިންވެސް 2252 ގްރާމްގެ ރަންޕޭސްޓް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށުގެ ދައުވާއާއި އެ ރަންތައް ކަސްޓަމަށް ނަގައިދިނުމަށް ޕީޖީ އިން ކުރިމިނަލް ކޯޓުގައި ދައުވާކުރިއެވެ. ހުކުމް ކޮށްފައި ވަނީ ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުހެ ކުށުން ސުލައިމްހާން ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައި 1 އަހަރުގެ މުއްދަަތަށް ޖަލައްލުމަށް ހުކުމްކޮށް، އެ ރަނަކީ ރާއްޖެއަށް ސިއްރުން އެތެރެކޮށްފައިވާ މުދަލެއް ކަމަށް ކަނޑައަޅައި އެ މުދާ ކަސްޓަމްސް ސާވިސް އަށް ނެގުމަށެވެ.






