ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ލީޑަރު، އައްޝައިޚް އިމްރާން އަބްދުﷲ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަދި ރާއްޖޭގެ އިގްތިސޯދުގެ މުސްތަގުބަލާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފިއެވެ.
އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން "ދިވެހިންގެ އެއާޕޯޓަށް" ހިތުހުރިގޮތެއް ހެދުމަށް ދޫކޮށްލެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.. އިމްރާން ވިދާޅުވީ އެއީ ދިވެހިންގެ އަތުގައި އޮތް އެންމެ މުހިންމު ސްޓްރެޓެޖީކް އެސެޓް ކަމަށެވެ.
އިމްރާން ފާހަގަކުރެއްވި ގޮތުގައި، ވީއައިއޭއަކީ ހަމައެކަނި އެއާޕޯޓެއް ނޫނެވެ. އެއީ ރާއްޖޭގެ މައި ދޮރާށި ކަމަށާއި، ދިވެހިންގެ މަސައްކަތްތެރިކަމާއި ގައުމީ ފަހުރުގެ ރަމްޒެއްކަމަށް އިމްރާން ވިދާޅުވިއެވެ. މީގެ އިތުރުން، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހި އިގްތިސާދުގެ މައި ތަނބު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އޭނާގެ ބަސްތަކުގައި ވަނީ އެއާޕޯޓުގެ މުސްތަގުބަލާ މެދު ބިރުވެރި އިންޒާރެކެވެ. އެގޮތުން، އެއާޕޯޓު މޯގޭޖުކޮށް އެތަން ތަރައްގީކުރުމުގެ ނަމުގައި ބިލިޔަނުން ލޯނުނަގައި، އެކި ނަންނަމުގައި އަމިއްލަ މަންފާއަށް ނުވަތަ ކަމާނުގުޅޭ ސިޔާސީ ކަންކަމަށް ހަރަދުކުރުމުގެ ނަތީޖާއަކަށްވާނީ ދުވަސްކޮޅަކުން ލޯނުތައް ޑީފޯލްޓުވުން ކަމަށް އިމްރާން ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން އެއާޕޯޓު ގެއްލި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެކީ ހަލާކުވެދިއުން ވެސް އެކަށީގެންވާ ކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ."
ދިވެހި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ނިކުމެ މިކަން ހުއްޓުވަންވީ ދުވަސް ޖެހިއްޖެ،" އިމްރާން ވިދާޅުވިއެވެ.
އިމްރާންގެ މި ވާހަކަތަކުން ރާއްޖޭގެ އެންމެ މުހިންމު އިގްތިސޯދީ މުއައްސަސާއާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ސީދާ ގޮތެއްގައި ވަނީ ފާޑުކިޔާފައެވެ.






