ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ޓީމު މޮޅުވެއްޖެއެވެ.
ރާއްޖެއަށް މިއަދު ވަޑައިގެންނެވި އިންފަންޓީނޯ، އެ މެޗުގައި ބައިވެރިވެވަޑައިގެންނެވީ ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިންނެވެ. ރައީސް މުއިއްޒުގެ ޓީމާ ދެކޮޅަށް މިއަދު ހަވީރު ކުޅުނު އެ މެޗުން އިންފަންޓީނޯގެ ޓީމު މޮޅުވީ 6-4 ގެ ނަތީޖާއަކުންނެވެ.
މެޗަށް ނުކުތް އިރުވެސް އިންފަންޓީނޯގެ ޓީމު ފެނުނީ ވަރުގަދަކޮށެވެ. އެގޮތުން އެޓީމުގައި އިންފަންޓީނޯގެ އިތުރުން އިޓަލީއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ކުރީގެ ޑިފެންޑަރު މާކޯ މަޓަރާޒީ އާއި، ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު އިމްރާން މުހައްމަދާއި މުހައްމަދު އުމައިރާއި ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ތޯރިގު (ޓޮމް) ހިމެނުނެވެ.
ރައީސް މުއިއްޒުގެ ޓީމަށް ބަލައިލާ އިރު، އެ ޓީމަށް އެ މަނިކުފާނުގެ ދަރިކަލުން އުމައިރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ކުޅުއްވިއެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ދެ ގޯލު ކާމިޔާބުކުރިއެވެ. އިންފަންޓީނޯގެ ޓީމު ޖެހި ދެ ގޯލު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓަރާޒީއެވެ. އަދި ރައީސް މުއިއްޒުގެ ޓީމަށް ގޯލު ޖެއްސެވީ ރައީސާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.

ދެވަނަ ހާފުގައި އިންފަންޓީނޯގެ ޓީމުން ހަތަރު ގޯލު ޖެހި އިރު، އޭގެ ތެރެއިން ދެ ގޯލެއް ކާމިޔާބުކުރީ އިންފަންޓީނޯއެވެ. އޭގެ އިތުރުން އެފްއޭއެމްގެ ރައީސް ޓޮމް ވެސް ގޯލެއް ޖެއްސެވިއެވެ. ރައީސް މުއިއްޒު ޓީމުން ޖެހި ދެ ގޯލު ކާމިޔާބުކޮށްދިނީ އެ މަނިކުފާނުގެ ދަރިކަލުން އުމައިރާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު (ހެރިންސް އައްޅޯ) އެވެ
ފީފާގެ ރައީސް އިންފަންޓީނޯ ކުރައްވާ ދަތުރުގެ ތެރެއިން މިއަދު ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވައިފައެވެ.
މިއީ ފީފާ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އޭގެ ކުރިން 2006 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވީ އޭރު ފީފާގެ ރައީސްކަމުގައި ހުންނެވި ސެޕް ބްލެޓާއެވެ. އޭނާ ރާއްޖެއަށް އެ ދަތުރުކުރެއްވީ ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.






