ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޖަމްޝީދާއި، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މައިކެއް ހަލާކުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް ވިދާޅުވީ، އެ ދެމެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ހަލާކުވީ ފަލާހުގެ މޭޒުގައި ހުރި މައިކަށް ކަމަށެވެ.
ލިބުނު ގެއްލުމުގެ ސަބަބުން އެ މައިކް ޖެހޭނީ ބަދަލު ކުރަން ކަމަށާއި، އެކަން ހިނގިގޮތް ބަލައި އެކަމުގައި ޒިންމާވާ މެންބަރުގެ ފަރާތުން މައިކުގެ އަގު ހޯދައި މައިކް ބަދަލު ކުރުމަށް އެ މައްސަަލަ ކޮމިޓީއަށް ފޮނުވީ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގީ، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ކުރެއްވި ސުވާލަށް އެމަނިކުފާނު ދެއްވި ޖަވާބާ ގުޅިގެންނެވެ.
ނާޒިލް ސުވާލު ކުރެއްވީ ހިތަދޫގައި އެމްޑީޕީ ސަރުކާރުން އަޅަން ފަށާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދީގެން ކަމަށް ކޮންޓެކްޓަރު ބުނާ ކަމަށާއި، އެއީ ކިހިނެއް ހިނގާ ކަމެއްތޯ އާއި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައިއެތަން ނިމޭނެތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެންބަރު ހިއްސާ ކުރެއްވި މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަަމަށެވެ. އެ މަސައްކަތް ހަވާލުކުރި ކުންފުނީގެ އެއްވެސް ބިލަކަށް ފައިސާ ނުދައްކައި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ހުރިހާ ބިލަކަށް ފައިސާ ދައްކާފަ އޮންނާނީ ކެޕޭސިޓީ ނެތް ފަރާތްތަކަކަށް މަސައްކަތް ހަވާކު ކުރީމަ މަސައްކަތް ލަސްވެެގެންދަނީ،"
އެ ހިސާބުން އެމްޑީޕީ މެންބަރު އަޑުގަދަކުރައްވަން ފެއްޓެވިއެވެ. މަޖިލިސް ހޫނުވީ އެހިސާބުންނެވެ. މި މައްސަލައާ ގުޅިގެން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވަވައި ޖަލްސާއިން ނިކުންނަވަން ވަނީ އަންގަވައިފައެވެ.