އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ސުވާލު ކުރުމުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން މަޖިލިސް ހޫނުވެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވަވައި ޖަލްސާއިން ނިކުންނަވަން އަންގަވައިފިއެވެ.
މައްސަލަ ހޫނުވީ، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް، މިނިސްޓަރާ ކުރެއްވި ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވަން ފައްޓަވައި ވަކި ހިސާބަކަށް ދިއުމުންނެވެ.
ނާޒިލް ސުވާލު ކުރެއްވީ ހިތަދޫގައި އެމްޑީޕީ ސަރުކާރުން އަޅަން ފަށާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދީގެން ކަމަށް ކޮންޓެކްޓަރު ބުނާ ކަމަށާއި، އެއީ ކިހިނެއް ހިނގާ ކަމެއްތޯ އާއި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި އެތަން ނިމޭނެތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެންބަރު ހިއްސާ ކުރެއްވި މައުލޫމާތަކީ ހަގީގަތާ ހިލާފް މައުލޫމާތެއް ކަަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރި ކުންފުނީގެ އެއްވެސް ބިލަކަށް ފައިސާ ނުދައްކައި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ހުރިހާ ބިލަކަށް ފައިސާ ދައްކާފަ އޮންނާނީ ކެޕޭސިޓީ ނެތް ފަރާތް ތަކަކަށް މަސައްކަތް ހަވާލު ކުރީމަ މަސައްކަތް ލަސްވެެގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ހިސާބުން އެމްޑީޕީ މެންބަރު އަޑުގަދަ ކުރަން ފެށިއެވެ. ދެން މިނިސްޓަރު ވިދާޅުވީ، ސުވާލު ކުރައްވާފައި ޖަވާބު އަޑު އެހުމުގެ ގާބިލުކަން މެންބަރުގެ ހުންނަން ޖެހޭނެ ކަމަަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 50 މިލިޔަން ރުފިޔާ ނުދައްކާ އޮތް ކަމަށެވެ.
މިނިސްޓަރު ތަކުރާކޮށް ވިދާޅުވީ ކުރީ ސަރުކާރުން ދިޔައީ 50 މިލިޔަނުން އިސްލާމިކް މިނިސްޓްރީ ދަރުވާލާފައި ކަމަށާއި ސުވާލު ކުރަން ލަދު ގަންނަން ޖެހޭނެ ކަަމަށެވެ.
މިނިސްޓަރުގެ އެ ވާހަކަ ތަކަށް ޕީއެންސީ މެންބަރުން ތަރުހީބު ދެއްވަމުން ގެންދެވިއެވެ.
ނަަމަވެސް މިނިސްޓަރުގެ ވާހަތައް ދޮގު ކުރައްވައި އެމްޑީޕީ މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުުން ޕީއެންސީ މެންބަރުންނާ ދެމެދު ޒުވާބު ގަދަވެ މައްސަލަ ހޫނުވިއެވެ. އެކަމާ ގުޅިގެން ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު އިށީނދެވަޑައި ގަތުމަށާއި ދެން ތިއްބެވި މެންބަރުންވެސް މަޑުން ތިއްބެވުމަށް ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ނަސޭހަތް ދެމުން ގެންދެވިއެވެ.
ނަމަވެސް އެ ހޫނު ގަނޑުގައި ބައެއް މެންބަރުން މިނިސްޓަރު އިންނެވި ގޮނޑި ކައިރިއަށް ދިއުމުން، އެކަން މަޖިލީހުގެ ސެކިއުރިޓީގެ ސަމާލު ކަމަށް ރިޔާސަތުން ގެންނެވިއެވެ. އަދި މެންބަރު މައުރޫފާއި އެހެން ބައެއް މެންބަރުން ރިޔާސަތުގެ ކުރިމައްޗަށް އެއްވެ އަޑުގަދަ ކުރަން ފެއްޓެވިއެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ މެންބަރުންނާއި މަޖިލީހުގައި އިންނެވި ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސްވެސް އެތަނަށް ވަޑައިގެންނެވިއެވެ.
އެ ހިސާބުން މެންބަރު މައުރޫފާއި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދަށް ތަކުރާރުކޮށް އިންޒާރު ދެއްވުމަށްފަހު، މެންބަރު މައުރޫފުގެ ނަން އިއްވައި ތަޅުމުން ނިކުތުމަށް ރިޔާސަތުން އެއްގެވިއެވެ.