އަލަށް އަމަލު ކުރަން ފެށި ގާނޫނުގެ ދަށުން އެކުލަވާލުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކުރިން އޮތް، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީގާއެކު ތިން ބޭފުޅަކަށް މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް 10 ބޭފުޅުން ކުރިމަތިލެއްވިއެވެ.
ކޮމިޝަނަށް ކުރިމަތިލެއްވި 10 ބޭފުޅުން:
- ފާތިމަތު ފަހުމީ، ސީނަރީ ގދ، މަޑަވެލި
- މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
- ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
- އިބްރާހިމް މުހައްމަދު، ގ. ވިންޑް
- މޫސާ ރިލްވާން، މ. ހާވިލާ
- މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
- ޝެހެނާޒް އަދްނާން، ދރ. ރސ. 80580
- މުހައްމަދު ސާމިން، ފިނިވާގެ، އއ. ތޮއްޑޫ
- ޝަފީގާ ނައީމް، ބީޗް ސައިޑް ފ. ނިލަންދޫ
މި ބޭފުޅުންނާ އިއްޔެ ކޮމިޓީން އިންޓަވިއު ކުރިއިރު، މީގެތެރެއިން ދެ ބޭފުޅެއްގެ ނަން ވަނީ އަނބުރާ ގެންގޮސްފައެވެ. ނަން އަނބުރާ ގެންދިޔައީ ޝަފީގާ ނައީމާއި ފާރިސް ތޯހާއެވެ.
ދެން ތިއްބެވި ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު ކޮމިޓީން މާކްސް ދީފައިވާއިރު، އޭގެ ތެރެއިން 75 ޕަސެންޓް އަށްވުރެ މަތިން މާކްސް ލިބުނު ތިން ބޭފުޅުންނަކީ:
- މުހައްމަދު ފަރުސަތު 90.50 ޕަސެންޓް
- ސަފާ ޝަފީގު، 88.88 ޕަސެންޓް
- އާމިނަތު ސަރާހަތު އިއްޒަތު 87.88 ޕަސެންޓް
މި ތިން ފަރާތް މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އައްޔަން ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ހަތް މެންބަރުންގެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
މި ކޮމިޝަނަށް މީޑިއާ ތަކުން ހޮވަންޖެހޭ މެންބަރުން މިހާރު ވަނީ ހޮވައިފައެވެ.