މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުން ނެރޭ ޓްރެޝަރީ ބޮންޑު ގަތުމަށް މަގުފަހި ކުރުމަށް ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓް ކުރަން ރާވާކަމުގެ ރިޕޯޓުތަކާމެދު ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝާހިދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ މި ފިޔަވަޅުގެ ސަބަބުން އިންފްލޭޝަން އިތުރުވެ، ދިވެހި ރުފިޔާގެ އަގު ދަށްވެ، އަދި އެމެރިކާ ޑޮލަރަށް އޮންނަ ޑިމާންޑް އިތުރުވެގެން ދާނެކަމަށެވެ.
ޝާހިދު ވަނީ މި ހުރިހާ ކަމަކުންވެސް ގައުމުގެ އިގްތިސާދީ ހަމަޖެހުމަށް ހުރަސް އެޅިގެންދާނެ ކަމަށް އިންޒާރު ދެއްވާފައެވެ.
ޝާހިދު ވިދާޅުވީ، ކޮވިޑް-19 ބަލިމަޑު ކަމުގެ ދުވަސްވަރާ ޚިލާފަށް، މިހާރުގެ ހާލަތުގައި މިފަދަ އާދަޔާ ޚިލާފު އިގްތިސާދީ ފިޔަވަޅު ތަކެއް އެޅުމުގެ އެއްވެސް ޖަވާބުދާރީއެއް ނެތް ކަމަށެވެ.
މިއީ "ބިރުވެރި" އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކުރުމަށް ރާވަމުންދާ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. މިއީ ގާނޫނުން ކަނޑައަޅާފައިވާ ފިސްކަލް ލިމިޓްތައް އަޅައިކެނޑުމުގެ ގޮތުން ކުރެވޭ ކަމެއްކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
އެމްއެމްއޭއިން އެ އިދާރާގެ މެންޑޭޓުގައި ކަންކަން ބަލަހައްޓައި، މިފަދަ ފިސްކަލް އަދި މަނިޓަރީ އަމަލު ތަކުން އިގްތިސާދު ރައްކާތެރި ކުރަންވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެމްއެމްއޭއިން މިހާތަނަށް މި ތުހުމަތުތަކާ ގުޅޭގޮތުން ނުވަތަ ޕެންޝަން ފަންޑަށް ފައިސާ އިންޖެކްޓުކުރާ ކަމަށް ބުނެވޭ ވާހަކައާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ދީފައިނުވެއެވެ.