ކޮންސިއުލާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ބަދަލު ކުރުމަށް ސަރުކާރުން އަމަލު ކުރަމުންދާ ގޮތާއިމެދު އިނަރ މޯލްޑިވްސްގެ ވެރިޔާ އަދި ސީޝެލްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހޮނަރީ ކޮންސިއުލާ މުހައްމަދު ފިރާގު ފާޑު ވިދާޅުވެއްޖެއެވެ.
ފިރާގު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންސިއުލާ މަގާމުތައް ބަދަލު ކުރުމަށް ދިވެހި ސަރުކާރުން މިހާރު އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ދިވެހި ޑިޕްލޮމެޓުންގެ އަބުރު ދަށްވެ، ޑިމޮކްރަސީގެ އަސާސްތަކަށް ނުރައްކާވާ ކަމަށެވެ.
ފާއިތުވެދިޔަ އަހަރު ތަކުގައި ތަފާތު ތިން ވެރިކަމެއް ދެކެފައިވާ ކަމަށް ފާހަގަ ކުރައްވައި ފިރާގު ވިދާޅުވީ، "އެންމެ ފަހުގެ ވެރިކަމަކީ އަހަރެމެންގެ އެންމެ މަގުބޫލު ވެރިކަމަށް ނުވެދާނެ” ކަމަށެވެ. ނަމަވެސް، މިހާރުގެ ސަރުކާރު އަމަލުކުރާ ފަދައިން މާޔޫސްކަމާއެކު ކުރީ ސަރުކާރުން އަމަލު ކޮށްފައިނުވާ ކަމަށް ފިރާގު ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމަލު ތަކުން ދައްކުވައި ދެނީ ހަމައެކަނި ރައްކާތެރިކަން ނެތްކަން ނޫން ކަމަށާއި ޚިޔާލުތަކާއި މިނިވަން އަޑުތަކާ މެދު އިތުރުވަމުންދާ ހިތްހަމަނުޖެހުންވެސް މިކަމުން ދައްކުވައިދޭ ކަމަށް ފިރާގު ވިދާޅުވިއެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން ދިވެހި ޑިޕްލޮމެޓިކް އިމޭޖް ދެރަވެ، ޑިމޮކްރަސީ އާއި އިންސާފުގެ އަގުތަކާމެދު ސުވާލު އުފެދޭ ކަމަށް ފިރާގު ވިދާޅުވި އެވެ.
ހަގީގީ ވެރިކަމުގެ އިމްތިހާނަކީ ހުރިހާ ކަމެއް ރަނގަޅަށް ހިނގާއިރެއް ނޫން ކަމަށާއި ހަގީގީ ވެރިކަން ކުރެވޭނީ ވެރިކަމުގެ ބާރު ބޭނުން ކުރަނީ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައިކަން ދައްކުވައި ދީގެން ކަމަށް ފިރާގު ވިދާޅުވި އެވެ.
ފިރާގުގެ މިފަދަ ވާހަކަ ތަކުން ދައްކުވައިދެނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި އަމަލުތަކާ މެދު އާންމުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކެވެ. ޚާއްސަކޮށް ޑިޕްލޮމެޓިކް ގުޅުން ތަކަށް ފިރާގު ދެއްވާ އަހަންމިއްޔަތު ކަމެވެ.